ޚަބަރު

ބުރިޖް ބޭނުންކުރާ ފަރާތްތަކުން ޓްރެފިކް ޤަވާއިދުތަކަށް ފަރުވާތެރިވުމަށް ފުުލުހުން އިލްތިމާސްކޮށްފި


ސިނަމާލެ ބުރިޖު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުން ޓްރެފިކް ޤަވައިދުތަކާ ހިލާފުވާކަމަށާއި، ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކާ ޤަވައިދާ އެއްގޮތަށް ބުރިޖު ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓު އަހުމަދު ސާމީ ވިދާޅުވީ ބުރިޖު ބޭނުންކުރުމުގައި ޓްރެފިކް ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާނަމަ ނުރައްކާތެރި އެކްސިޑެންޓުތަކުން ރައްކާތެރިވެވޭނެކަމަށެވެ. ނަމަވެސް ބުރިޖު މަތިން ދަތުރުކުރާ ބައެއް ފަރާތްތަކުން ޓްރެފިކް ޤަވައިދާ ހިލާފުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސާމީ ވިދާޅުވީ ބުރިޖާއި ހުޅުލެ- ހުޅުމާލޭ ހައިވޭއަކީ ގިނަ ވެހިކަލްތައް ބާރުމިނުގައި ދުއްވުމަށް ތައްޔާރުކޮށްފައިވާތަނެއް ކަމުން، މިތަނުގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް، ނުވަތަ މަޑުން ދުއްވުމުންވެސް މައްސަލަތަކާ ކުރިމަތިވާނެކަމަށެވެ. އަދި ދުއްވަން ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭނަކަށް އެރުމާ، ނުބައި ފަޅިން އޯވާޓޭކްކުރުމަކީވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާން މެދުވެރިވާނޭ ސަބަބެއްކަމަށް ސާމީ ވިދާޅުވިއެވެ.

ބުރިޖު ބޭނުންކުރުމުގައި އިހުމާލުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހުރިހާ ފަރާތްތަކަކުންވެސް ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަން ސާމީ ފާހަގަކުރެއްވިއެވެ.

"ރަގަނޅު ގޮތަކީ ބުރިޖު ބޭނުންކުރާ ބޭކަލުން އަމިއްލަ ރައްކާތެރިކަމާ، ބުރިޖު ބޭނުންކުރާ އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ދަތުރުކުރުން. ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ހަރުދަނާކޮށް، ޗެކް ޕޮއިންޓުތަކުން ދަތުރުކުރާ ޤަވައިދާ ހިލާފަށް ހުންނަ އުޅަނދުތަކަށް އެކްސެސް ނުދޭގޮތަށް ހަދާނަން. ސިނަމާލެ ބުރިޖަކީ އާދަޔާ ހިލާފަށް 25-50 ދެމެދު ބާރުމިނުގައި އުޅަނދުތައް ދުއްވާ ތަނެއްކަމުން ވެހިކަލްތަކުގައި ލޯގަނޑާއި ޤާވައިދަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަ ނުވާ އެއްޗެއްސަށް އެކްސެސް ނުދޭނަން." ސާމީ ވިދާޅުވިއެވެ.

ސާމީގެ ވާހަކަފުޅުގައި ބުރިޖު މަތީގައި ވެހިކަލް ދުއްވުމުގައި ސަމާލުވާންޖެހޭ ޤަވާއިދުތަކަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެކި ގޮތްގޮތުން މިހާރުވެސް މަސައްކަތްކުރަމުންދާން ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރުވެސް ބުރިޖުމަތީގައި ޓްރެފިކް ބެލެހެއްޓުމަށް ތިން ޗެކްޕޯސްޓެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށާ، ކުރިޔަށް އޮތްތާގައި ބުރިޖުމަތީގައި ޓްރެފިކް ބޯޑުތަކާ ނިޝާންތައް ހަރުކުރާނޭކަމަށް ސާމީ ވިދާޅުވިއެވެ.