ޚަބަރު

އިންޑިޔާގައި ތެލުގެ އަގު އަތްނުފޯރާ ފަށަށް؛ އެކި ސަރަޙައްދުގައި މުޒާހަރާތައް


އިންޑިއާގައި އިންތިހާއަށް ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޢާއްމުން މުޒާހަރާކުރަމުން އެބަދެއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަަބަބުން ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އިންޑިއާގައި ވިއްކާ ތެލުގެ އަގުތައް އުފުލިފައި މިވަނީ ތެލުން ނަގާ ޓެކްސް އިތުރުކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އިންޑިއާގައި ވިއްކާ ތެލުން ސަރުކާރަށް ނަގާ ޓެކުހަކީ ސަރުކާރަށް ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބައެއް ހިއްސާކުރާ އެއްޗެކެވެ. އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިންޑިއާގެ މިހާރުގެ ސަރުކާރުގެ ވެރިކަމުގައި ޢާއްމުކޮށް ގަނެ ވިއްކާ ގިނަ މުދަަލުގެ އަގުތައް އުފުލިފައިވާކަމަށެވެ.

އިންޑިއާގައި ތެލުގެ އަގު އުފުލާ އެ ޤައުމުގެ ފައިސާ ރުޕީސްގެ އަގު ދަށަށް ދިއުމުގެ މައްސަލަތައް ބައެއް ފަރާތްތަކުން ސިޔާސީ ކުރަމުންދާނަމަވެސް މިއީ އިޤްތިޞާދީ މައްސަލައެއްކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީ.ޖޭ.ޕީން ބުނެފައިވެއެވެ.