ޚަބަރު

އެމެރިކާ އާއި އުތުރު ކޮރެއާގެ ދެވަނަ ބައްދަލުވުމަކަށް ކިމް އެދިވަޑައިގެންފި


އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮންގް އުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދެވަނަ ބައްދަލުކުރެއްވުމަކަށް އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ވައިޓްހައުސްއިން ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސޭންޑަރސް ވިދާޅުވީ، ކިމް މި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވަނީ ޓްރަމްޕަށް މުހާތަބްކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައިކަމަށެވެ. ސޭންޑަރސް ވިދާޅުވީ، ކިމްގެ ސިޓީއަށް ފަހު އެމެރިކާއިން މިހާރު ދަނީ ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ދެވަނަ ބައްދަލުކުރެއްވުމެއް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ.

މި ސިޓީގައި ކިމް ވަނީ ކޮރިއަން ޕެނިންސޫލާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރު ކޮރެއާއިން އަދިވެސް ސާބިތުކަމާއެކު އޮތްކަމަށް ވިދާޅުވެފައި ކަމަށް ސެންޑަރސް ފާހަގަކުރެއްވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ސިންގަޕޫރުގައި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

އެ ބައްދަލުކުރެއްވުމުގައި އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމަށް އެ ޤައުމުން އެއްބަސްވި ނަމަވެސް މި ކަމުގައި މިހާތަނަށް އުތުރު ކޮރެއާގެ ފަރާތުން ޢަމަލީ ފިޔަވަޅުތައް ފެނިފައިނުވާތީ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސެންޑަރސް ވިދާޅުވީ، އާދިއްތަ ދުވަހު އުތުރު ކޮރެއާގައި ކުރިއަށްދިޔަ އަސްކަރީ ޕެރޭޑްގައި އެ ޤައުމުގެ އަތުގައި ހުރި ދުރުރާސްތާ މިސައިލްތައް ދައްކާލާފައި ނުވުމަކީ މިކަމުގައި ލިބުނު ރަނގަޅު ނިޝާނެއް ކަމަށެވެ.