ރަޝިޔާ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އެ ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރައްވަމުން ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވީ، ޑޮލަރުގެ ބަދަލުގައި ރަޝިޔާގެ ރުބެލް އާއި ޗައިނާގެ ޔުއާނުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އީސްޓަރން އިކޮނޮމިކް ފޯރަމްގައި އޭނާ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އެއްބަސްވެވަޑައިގެންނެވިކަމަށެވެ.
އީސްޓަރން އިކޮނޮމިކް ފޯރަމަކީ ރަޝިޔާގެ އިރުމަތީގެ އެކަހެރި ސަރަހައްދުތަށް ތަރައްޤީ ކުރުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި 2015 ވަނަ އަހަރުއްސުރެ ކޮންމެ އަހަރަކު ރަޝިޔާއިން ކުރިޔަށްގެންދާ އިޤުތިޞާދީ ފޯރަމެކެވެ. އެ ފޯރަމުގައި ދުނިޔޭގެ އެތައް ޤައުމަކުން ބައިވެރިވެއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ އީސްޓަރން އިކޮނޮމިކް ފޯރަމްވެސް އޮތީ ރަޝިޔާގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ވަލްޑިވޮސްޓޮކްގައެވެ. އެ ސިޓީގައި އަންގާރަދުވަހު ފެށި އިޤްތިޞާދީ ފޯރަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމްގެ ހަވާސާގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕުޓިން ވިދާޅުވީ، ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުމަކީ ދުނިޔޭގެ ބާޒާރުތަކަށް ހަމަޖެހުން ގެނަސްދޭނެ ކަމެއްކަމަށް އެމަނިކުފާނާއި އާއި ރައީސް ޝީޖިންޕިން ދެކެވަޑައިގަންނަވާތީ، ރަޝިޔާ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެ ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިކަމަށެވެ.
ރަޝިޔާ އާއި ޗައިނާއާ ދެމެދު ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު މިދިޔަ އަހަރު 87 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މި އަހަރު އެ ޢަދަދު 100 ބިލިޔަން ޑޮލަރަށް އަރާނެކަމަށް އެ ދެ ޤައުމުން އަންދާޒާކުރެއެވެ. ރަޝިޔާ އާއި ޗައިނާގެ އިތުރުން އީރާނާއި ތުރުކީވިލާތުންވެސް ވަނީ އެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެ ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އެއްބަސްވެފައެވެ.
ސިޔާސީ މަޤްޞަދުތައް ޙާސިލްކުރުމަށްޓަކައި ރަޝިޔާ، އީރާން އަދި ތުރުކީވިލާތާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތީ އެ ތިން ޤައުމު ގެންދަނީ ޑޮލަރާނުލައި ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ކަމަށް އެއްބާރުލުން ދިނުމަށް ޗައިނާވެސް ވަނީ ނިންމާފައެވެ. އަދި ޗައިނާ ދާދި ފަހުން ވަނީ، އެ ޤައުމުން ކުރާ ތެލުގެ ވިޔަފާރިވެސް ޔުއާނުން ކުރުމަށް ނިންމާފައެވެ.
އަދި ޗައިނާ އިސް ދައުރެއް އަދާކުރާ ބްރިކްސްގެ ޤައުމުތަކުންވެސް ވަނީ އެ ޤައުމުތަކުގެ މެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް އެ ޤައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާބެހޭގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. މީގެ އިތުރުން، ވިލާތުގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޖަރުމަނުވިލާތުންވެސް ވަނީ، ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ އިތުރުން އެހެން ފައިސާތައްވެސް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
ރަޝިޔާގެ ވަލްޑިވޮސްޓޮކްގައި ފެއްޓި އީސްޓަރން އިކޮނޮމިކް ފޯރަމްގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި މާލީ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.