ޚަބަރު

މީމިސް މެދުވެރިކޮށް އެއްކުރި މަޢުލޫމާތުން ކުރިމަގަށް ފައިދާކުރާނެ - އެޑިއުކޭޝަން މިނިސްޓްރީ


މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމެންޓް އިންފޮރމޭޝަން ސިސްޓަމް، މީމިސް މެދުވެރިކޮށް މިހާތަނަށް ވަރަށް ބައިވަރު މަޢުލޫމާތު އެއްކުރެވިއްޖެކަމަށާއި ދެން އޮތީ މިމަޢުލޫމަތު ދިރާސާކޮށް ދުރު މުސްތަޤުބަލަށް ކަންކަން ނިންމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން މިކަން ހަމަކޮށްފައިވަނީ ތަޢުލީމީ ދާއިރާގައި މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ ނިޒާމު ނުވަތަ މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމެންޓް އިންފޮރމޭޝަން ސިސްޓަމްގެ ޕޮލިސީ އަދި ޑޭޝްބޯޑު ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެމިނިސްޓްރީން ބުނީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނަމުންދާއިރު މިކަން އެންމެ އެދެވޭގޮތަކަށް ކުރިއަށްގެންދިޔުމަށް މިކަމަށް ޚާއްސަ އުސޫލެއް ކޮންމެހެން އޮންނަންޖެހޭކަމަށެވެ. މި ރަސްމިއްޔާތުގައި އިފްތިތާޙުކޮށްފައިވާ ޑޭޝްބޯޑަކީ މީމިސް މެދުވެރިކޮށް އެކޮށްފައިވާ މަޢުލޫމާތު ފަސޭހަކަމާއެކު ދެނެގަނެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ވަޞީލަތެކެވެ. މީގެ ކުރިން ކަރުދާހުގައި ލިޔެގެން އެއްކުރަމުން ގެންދިޔަ ތަފާސްހިސާބުތައް މިޑޭޝްބޯޑުގެ ސަބަބުން ފަސޭހަކަމާއެކު ފެންނަން ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ ސަބަބުން ކަންކަން ނިންމުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން ބުނީ މީމިސް މެދުވެރިކޮށް ވަރަށް ބައިވަރު މަޢުލޫމާތު ދަރިވަރުންނާގުޅޭ އެކި ކަންކަމުގައި އެއްކުރެވިފައިވާކަމަށެވެ. އެގޮތުން ދަރިވަރުންގެ އަޚުލާޤީއެކި ކަންކަމާއި ސިއްޙަތާއި މިނޫވެސް ދަރިވަރާ ގުޅުންހުރި މުހިއްމު މަޢުލޫމާތު އެއްކުރެވިފައިވާކަމަށާއި ދެން ކުރަންއޮތް މަސައްކަތަކީ މިމަޢުލޫމާތު ދިރާސާކޮށް ކުރިމަގަށް ގޮތްނިންމުންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިންގ ރިލޭޝަންސް އާމިނަތް ނަމްޒާ ވިދާޅުވީ މިއީ ދުރު މުސްތަޤުބަލަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި މީމިސްގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނަމުންދާކަމަށެވެ. އަދި މިއަށްވުރެ ބޮޑު ބަދަލެއް ރާއްޖެއަށް ކުރިމަގުގައި އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކޮމިއުނިޓީ ސިސްޓަމް ފައުންޑޭޝަންގެ ރައީސް ކްރިސް އޮޒްވަލްޓް ވިދާޅުވީ މިޑޭޓަރ ސިސްޓަމްގެ ބޭނުން ވަރަށްގިނަ ޤައުމުތަކުން ކުރަމުންދާމަށް، އެހެން ނަމަވެސް ރާއްޖެއަކީ މުޅި ސައުތް އޭޝިއާ ސަރަހައްދުގައިވެސް މިނިޒާމު ހަރުދަނާކަމާއެކު ބޭނުންކުރާ ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޤައުމުކަމަށެވެ.

މީމިސް މެދުވެރިކޮށް ދަރިވަރުންނާއި ޓީޗަރުން އަދި ތަޢުލީމީ ދާއިރާގެ އެކި މަޢުލޫމާތު އެއްކުރެވެމުންދާއިރު މިމަޢުލޫމަތު ރައްކަތެރިކަމާއެކު އެޑިއުކޭޝަން މިނިސްޓްރީންދަނީ ބަލަހައްޓަމުންނެވެ. މި ނިޒާމު މެދުވެރިކޮށް ސާޅީސް ހާހަށްވުރެ ގިނަ ދަރިވަރުންނަށް މިއަހަރުގެ ފުރަތަމަ ޓާމުގައި ރިޕޯޓު ފޯމް ދީފައިވާއިރު ދެވަނަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ރިޕޯޓުފޮތްދޭނީ މިނިޒާމުގެ ތެރެއިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.