ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ސިނަމާލެ ބްރިޖްމަތީ ޓެކްސީ ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިގޮތަށް އިލްތިމާސްކުރީ ވިއްސާރާގައި ބްރިޖުމަތީގައި ދަތުރުކުރަމުންދަނިކޮށް ޓެކްސީ ބޯޑު ނެއްޓުމުގެ ހާދިސާތަކެއް ދާދިފަހުން ހިނގާފައިވާތީ އެކަންބެލުމަށްފަހުއެވެ. ފުލުހުން ބުނީ ޓެކްސީތަކުގައި ބޭނުންކުރާ ޓެކްސީ ބޯޑު ދަގައްފާނު ބޭނުންކޮށްގެން ހަރުކޮށްފައި ހުންނަ ޓެކްސީތަކުގައި މިހާދިސާތައް ހިންގާފައިވާއިރު މި ބޯޑު ނެއްޓިގެންގޮސް ބްރިޖުގެ އަނެއްލޭންގައި ދުއްވާ މީހުންނާ ދިމާއަށްގޮސް ނުރާކެރި ޙާދިސާތަކަށް މަގުފަހުވާކަމަށެވެ.
މިފަދަ ހާދިސާތަކުގައި މިހާތަނަށް މީހަކަށް ހާނީއްކައެއް ވެފައިނުވިނަމަވެސް މިއީ ނުރައްކާތެރި ކަމެއްކަމަށް ފުލުހުން ބުނެއެވެ. ވިއްސާރަވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބްރިޖްގެ ޓްރެފިކް ލައިޓަށް ބެލުމެއްނެތި ދުއްވާކަންވެސް ފާހަގަވެފައިވާކަމަށާއި މިދިޔަ ހަފްތާތެރޭގައި މިފަދަ 4 ޙާދިސާއެއް ހިނގާފައިވާކަމަށް ފުލުހުން ބުނެއެވެ.
ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ހަސަން ވިދާޅުވީ ބްރިޖްގައި ދުއްވާ ވެހިކަލްތައް މޮނީޓަރ ކުރުމުގައި ފާހަގަވާ އެންމެ ބޮޑު އެއްކަމަކީ ވެހިކަލްތަކުގެ ރޯޑްވަދިނަސްގެ މިންގަޑާ ޚިލާފަށް ވެހިކަލްތައް ހުންނަ މައްސަލަތައްކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެހިސާބުރަކަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު ކަނޑު ގަދަވާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.