ޚަބަރު

ރައީސް ނަޝީދު ރާއްޖެވަޑައިގަންވާނީ މިނިވަނެއްގެ ގޮތުގައި - އެމްޑީޕީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އެމް.ޑީ.ޕީން ބުނެފިއެވެ.
ކްރިމިނަލް ކޯޓުގެ ޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެން އެޤައުމުގެ ހިމާޔަތް ހޯއްދަވައިގެން އޫޅުއްވުމަށްފަހު، އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެވަޑައިގަންނަވާނެކަން ނަޝީދު ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވަފައެވެ.

އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް ޕާޓީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.ޑީ.ޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމް.ޑީ.ޕީން ކުރަމުންދާކަމަށާއި، ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެހާ ސިޔާސީ އަދި އިންސާނީ ޙައްޤުތައް ބޭނުންކުރެއްވޭނެ ގޮތަށްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ދެ އަހަރާއި، 9 މަހާއި 13 ވަަރަކަށް ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އިންތިޒާމުކުރުމުގެ ކަންކަން ކުރަމުންދާކަމަށާއި، ވީހާވެސް ގިނަ ބަޔަކު މަރުހަބާގެ ހަރަކާތުގައި ބައިވެރިކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމް.ޑީ.ޕީން ބުނެއެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްތަކުންވެސް ނަޝީދަށް މަރުހަބާދެންނެވުމަށް އައުމުގެ ފުރުސަތު އޮތްކަން އެޕާޓީން ފާހަގަކުރޭ.

ރިޔާސީ އިންތިޚާބު އެމް.ޑީޕީން ކާމިޔާބު ކުރުމާއެކު، މީގެ ކުރިން ތަހުޤީޤަށް ޖަލު ބަންދުގައި ތިބި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ކްރިމިނަލް ކޯޓުން ވަނީ މިނިވަންކޮށްފައެވެ.