ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް ހިންގި ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުން ލަސްވުމުގެ ސަބަބުން ތިރީސް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން މި ޕްރޮޖެކްޓަށް އިތުރަށް ޚަރަދުކޮށްފައިވާކަމަށް އެންހެންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ)ގެ ގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ވޯލްޑް ބެންކާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދިޔަ ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު އެންހެންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ)ގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައި ކުރިން ސަރުކާރުން އެ ޕްރޮޖެކްޓަށް ޚަރަދުކުރަން ހަމަޖެހިފައިއޮތީ ހަމައެކަނި ފަނަރަ މިލިއަނެވެ. އެހެންނަމަވެސް މަސައްކަތް ފެށުން ލަސްވުމުގެ ސަބަބުން ދިމާވި އެކި ގެއްލުންތަކާ ގުޅިގެން އިތުރު ތިރީސް އަށް މިލިއަން ދައުލަތުން މިކަމަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެގޮތުން މިމަޝްރޫޢުގެ ބޭންކް އެކައުންޓް ހުޅުވުން ލަސްވުމުގެ ސަބަބުން 2013 ވަނަ އަހަރު ކުރަން ކަނޑައަޅާފައިވާ ބައެއް މަސައްކަތްތައް 2014 ވަނަ އަހަރު ފަށާފައިވާކަންވެސް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ އަގަކީ ސަތޭކަ ފަސްދޮޅަސް ނުވަ މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ސަތޭކަ ފަންސާސް ހަތަރު މިލިއަން ރުފިޔާ އަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީކަމަށްވާއިރު ފަނަރަ މިލިއަން ޚަރަދުކުރުމަށް ކަނޑައާޅާފައިވަނީ ދިވެހި ދައުލަތުގެ ބަޖެޓުންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2013 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައި ވީނަމަވެސް ކޮންޓްރެކްޓަރުންނާއި މަސައްކަތް ޙަވާލުކޮށްގެން މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރުކަމަށެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރުން ހޮވައި އެފަރާތާ މަސައްކަތް ޙަވާލުކުރެވުނުއިރު މަސައްކަތުގެއަގު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ކުރިން މިމަޝްރޫޢުގައި ހިމަނައިގެން ކުރިއަށްގެންދަން ކަނޑައާޅާފައިވާ ބައެއް ސްކޫލްތަކުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދާގޮތަށް ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މިޚަރަދު ކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފަހަގަކޮށްފައިވެއެވެ.
އަދި މިމަޝްރޫޢުގެ ދަށުން ސްކޫލްތަކުގެ ކޮމްޕިއުޓަރ ލެބްތަކާއި ސައިންސްލެބްތަކަށް ބޭނުންވާ ސާމާނާއި ވަޞީލަތްތައް ފޯރުކޮށްދިނުން ލަސްވެފައިވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ހިންގަން ކަނޑައާޅާފައިވާ ބައެއް ތަމްރީނުތައް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށްގެންދެވިފައި ނުވާއިރު ކުރިއަށްގެންދެވުނު ބައެއް ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތަކާ ގުޅުވައިގެން ސްކޫލްތަކުގައި ހިންގި ޙަރަކާތްތަކުގެ ރިޕޯޓުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށައަޅާފައިނުވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އަދި މިނިސްޓްރީންވެސް މިކަންކަން މޮނިޓަރ ކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު އަތޮޅު ތަކުގައި ގިނަ ސްކޫލްތައް ހުރުމާއެކު މިފަދަ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް ހުރިކަން އޮޑިޓަރ ޖެނެރަލްވަނީ ފާހަގަކުރައްވަފައެވެ. މިފަދަ މަޝްރޫޢުތައް ހިންގާއިރު ވީހާވެސް ޚަރަދުކުޑަގޮތަކަށް މަޝްރޫޢުގެ މަސައްކަތައްކޮށް މޮނިޓަރ ކުރެވޭނެ ގޮތްތައް ހޯދުމަށް އޮޑިޓަރ ޖެނެރަލްވަނީ ލަފާދެއްވާފައެވެ.