ޚަބަރު

މުދަލުގެ ޒަކާތުގެ ނިޞާބު އަނެއްކާވެސް ދަށްކޮށްފި


މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު އިސްލާމިކް މިނިސްޓްރީން ދަށްކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއްޔެ ޢާއްމުކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 24 އިން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް ތިންސަތޭކަ އެއް ރުފިޔާ އަށްޑިހަ ފަސް ލާރިކަމަށެވެ. މިއީ މިއަހަރުގެ މިހާތަނަށް މިޢަދަދު ދަށަށްދިޔަ ދެވަނަ ފަހަރެވެ. މީގެ ކުރިން ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ފަނަރަ ލާރިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދާކަމަށެވެ. އެގޮތުން މިއަހަރު ފެށުނުއިރު މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަކީ ފަސްހާސް ތިރީސް ތިންރުފިޔާ ހަތް ލާރިއެވެ. އެހެން ނަމަވެސް މި ނިޞާބުވަނީ މިދިޔަ އޮކްޓޯބަރު މަހު ބަދަލުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހިންކަމަށެވެ.