ޚަބަރު

ކެމްޕޭނަށް ހަރުކުރި ބެނާތަކާއި ދިދަފަތިތައް ނަގަން އީ.ޕީ.އޭއިން އިލްތިމާސްކޮށްފި


ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތަކާއި ފޮތިގަނޑުތައް ނެގުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ބައެއް ޕާޓީތަކުން ﷲގެ އިސްމުފުޅު ބޭނުންކޮށްގެން ހަދާފައިހުރި ބެނާތައް ދަމާފައިވާއިރު އެބެނާތައްވެސް މަގުތަކަށް އެޅިގެން ކުންޏަށް ވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

އީ.ޕީ.އޭއިން ބުނީ ދިދަތަކާއި ބެނާތައް ކަނޑައިގެން މަގުތަކަށް ވެއްޓި ކުންޏަށް ބަދަލުވާތީކަމަށާއި މިތަކެތި ނެގުމަށް ޕާޓީތަކަށް އެންގީ ޢާއްމުންގެ ފަރާތުން ޝަކުވާތައް ލިބި އެކަން ބެލުމަށްފަހުގައިކަމަށެވެ.

މިކަމާ ގުޅިގެން ޕީ.ޕީ.އެމުން ބުނީ ބައެއް ސަރަޙައްދުތަކުގައި އަދިވެސް އެޕާޓީގެ ދިދަފަތިތައް އެބަހުރިކަމަށާއި ދިދަފަތި އަދި ބެނާތައް ނެގުމުގެ މަސައްކަތް ބަޔަކާ ގުޅިގެން ކުރަމުންދާކަމަށެވެ. ނަމަވެސް އެމަސައްކަތް އެއްކޮށް ނިމޭނެ ދުވަހެއް ބުނަން ނޭނގޭކަމަށް ޕީޕީއެމުން ބުނެއެވެ.

އެމްޑީޕީން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީން މާގިނަ ދިދަފަތިތަކެއް ދަމާފައި ނުވާނެކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މާލޭގެ ހުރިހާ ހިސާބެއްގައި އެޕާޓީންވެސް ދިދަފަތިތައް ދެމިކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ. އަދި މިހާރު ވަރަށް ގިނަ ސަރަޙައްދަކުން ދިދަފަތިތައް ނަގާފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އަދި ބައެއް ދާއިރާތަކުގައި ދެމި ދިދަފަތިތައް އެއްކޮށް ނަގާފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ދިދަފަތިތަކާއި ބެނާތައް ނެގުމަށް އީޕީއޭއިން އަންގާފައިވާއިރު މަގުތަކުގެ އިތުރުން ބައެއް ރަށްރަށުގެ ފަރުމަތީގައިވެސް ދިދަތައް ޖަހާފައިވާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.