ޚަބަރު

ސީ ގިއަރ މެރިން ސަޕްލަޔާރސްއިން ވީޑިއޯ ކުރާނެ އާލަތްތައް ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއަށް ހަދިޔާކޮށްފި


ސީ ގިއަރ މެރިން ސަޕްލަޔރސްއިން ވީޑިއޯ ކުރާނެ އާލަތްތައް ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއަށް ހަދިޔާކޮށްފިއެވެ.

ސީ ގިއަރއިން އިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ގޯޕްރޯގެ އެންމެ ފަހުގެ ކެމެރާއެއްގެ އިތުރުން ވީޑިއޯ ކުރުމުގައި ބޭނުންކުރާނެ އެހެން ވަޞީލަތްތައް ހިމެނެއެވެ. މީގެތެރޭގައި މަސް ބާނާއިރު ދޮށީގައި ކެމެރާ ހަރުކުރާ ސްޓޭންޑާއި ފެން ނުވަންނަ ދަބަސްފަދަ ތަކެތި ހިމެނެއެވެ.

މިތަކެތި ހަދިޔާ ކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސީ ގިއަރ ގެ މެނޭޖަރ އަޙުމަދު ނިޔާޒު ވިދާޅުވީ، އެކުންފުނިން ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއަށް މިތަކެތި ހަދިޔާ ކުރަން ނިންމީ އެޖަމްޢިއްޔާއިން މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އެއް ބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މިގޮތުން ގެމެނަފުށީ މަސްވެރިންގެ ސޯޝަލް މީޑިއާގައި ޙިއްސާ ކުރާ މަސްވެރިކަމާ ގުޅޭ ވީޑިއޯ ތަކުގެ ސަބަބުން މަސްވެރިކަމާ ދޭތެރޭ މީހުން ދެކޭ ގޮތް މުޅިން ބަދަލު ވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން މި ވީޑިއޯތަކުގެ ފެންވަރު ރަނގަޅު ކުރަން ޒަމާނީ ފެންވަރު ރަނގަޅު ވަޞީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޓްވިޓަރއިން މި ފެންނަނީ މަސްބާނަން އުޅުމުގެ ތެރޭގައި މަހަކުން ޖެހިގެން ދޯނީގައި ހަރުކޮށްފައި އިން ގޯޕްރޯ މޫދަށްދިޔަ ވާހަކަ. އެހިސާބުން އަޅުގަނޑުމެން ނިންމީ މިތަކެތި ހަދިޔާ ކުރަން. އެއީ އަޅުގަނޑުމެންނަކީ ގޯޕްރޯގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރަށް ވާތީ އެހެން ބަޔަކު މިހަދިޔާ ކުރުމުގެ ކުރިން އަޅުގަނޑުމެން ބޭނުންވީ މިތަކެތި ހަދިޔާކުރަން. ހަޤީޤަތުގައި އަޅުގަނޑުމެން މިހެން މޫދަށް އެރިލިޔަސް ކަނޑުގެ އަސްލު ރީތިކަމެއް ނުފެނޭ. ރާއްޖޭގެ ކަނޑުގެ ރީތިކަން މިހާރު މި ފެންނަން ފެށީ މި ބޭފުޅުންގެ މަސައްކަތުން. ހަޤީޤަތުގައިވެސް ވަރަށް ރީތި ވީޑިއޯތަކެއް އެ ޙިއްސާ ކުރަމުން ގެންދަނީ. ވަރަށް ހިތްގައިމު މަންޒަރު ތަކެއް"

ނިޔާޒް ވިދާޅުވިއެވެ.

ސީ ގިއަރ މެރިން ސަޕްލަޔަރސްއަކީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ހުރިހާ ސާމާނާއި، މަސްވެރިކަމުގަ ބޭނުންކުރާ ގިނަ ސާމާނު ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ ކުންފުންޏެކެވެ. ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން އަންނަނީ މަސްވެރިކަން ކުރިއެރުމަށް ތަފާތު ގިނަ ޙަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި މަސްވެރިކަމަށް ޒުވާނުން ނެރެ އެ ޒުވާނުން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި، މަސްވެރިންގެ ދުވަހާއި ގުޅިން ހިންގާ އެކިއެކި ޙަރަކާތްތައް ހިމެނެއެވެ. މީގެއިތުރުން އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖާއި ޓްވިޓަރ އަދި އިންސްޓެގްރާމްގަ ޙިއްޞާ ކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ ޢާންމުގެ މެދުގައި ވަރަށް މަޤްބޫލު އެއްޗެއްކަން ފާހަގަކޮށްލެވެއެވެ.