ޚަބަރު

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ނިންމާލައިފި


ސިކުނޑިއާއި މައިބަދައިގެ ބަލިތަކާ ގުޅޭގޮތުން ބޭއްވި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ނިންމާލާއިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބޭއްވި ކޮންފަރެންސްގައި ނިއުރޯ ސަރޖަރީގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބައިވެރިވިއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިކޮންފަރެންސްގެ ފުރަތަމަ ދުވަހު ކުރިއަށްދިޔައީ ނިއުރޯ ސަރޖަރީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތަޖުރިބާ ހިއްސާކުރުމާއި ސިކުނޑިއާއި މައިބަދައިގެ ސަރޖަރީތަކުގައި ދިމާވާ އެކި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ކޮންފަރެންސްގެ ދެވަނަ ދުވަހު މައިބަދައިގެ 2 ސަރޖަރީއެއް ހެދުން ކުރިއަށްދިޔައެވެ. މީގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށްކުރި މައިބަދައިގެ ޑިސްކެއް ބަދަލުކޮށް މަސްނޫޢީ ޑިސްކެއް ލެއްވުމުގެ ސަރޖަރީއެއް ހިމެނެއެވެ. މި ސަރޖަރީ ހެދުމުގައި ހަރަކާތްތެރިވީ އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސަރޖަން ޑރ. ޢަލީ ނިޔާފާއި އެމެރިކާގެ ޑޮކްޓަރެއްކަމަށްވާ ރިޗާރޑް ވޯންސްއެވެ.

ސާޖަރީ ހަދަމުންދިޔައިރު ސިއްޚީ ދާއިރާގައި ކިޔަވަމުންދާ ދަރިވަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ދައްކާލުމަށް އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ސަރޖަރީ ލައިވްކޮށްފައިވާއިރު ފޭސްބުކް ލައިވް މެދުވެރިކޮށްވެސް ސާރޖަރީ ދިޔައީ ލައިވްކުރަމުންނެވެ. އަދި އެކި ފަރާތްތަކުން ކުރަމުންދިޔަ ސުވާލުތަކަށް ޑރ.ޢަލީ ނިޔާފާއި ޑރ. ރިޗަރޑް ޖަވާބުދެއްވިއެވެ.

\އޭޑީކޭ ހޮސްޕިޓަލުން ބުނީ ސަރޖަރީ ހެދި މީހާގެ ހާލު ރަނގަޅުކަމަށާއި އޭނާ ވަރަށް އަވަހަށް ގެއަށް ދޫކޮށްލާނެކަމަށެވެ.

ރާއްޖޭގައި ނިއުރޯ ސަރޖަރީގެ ދާއިރާ ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ މިކޮންފަރެންސް ނިންމާލާފައިވާއިރު މިއީ މިކޮންފަރެންސް ރާއްޖޭގައި ބޭއްވި ދެވަނަ ފަހަރެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އަންނަ އަހަރު ބާއްވާ ކޮންފަރެންސް މިހާރަށްވުރެވެސް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.