ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު އައްޑުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލުމަށްފަހު މާދަމާ ބޮޑުތިލަދުންމައްޗަށް ދަތުރުފުޅެއް ފެއްޓެވުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން މާދަމާ ހަވީރު ހއ ދިއްދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިކަމަށްޓަކައި މުޅި ދިއްދޫ ދަނީ ޒީނަތްތެރިކުރަމުންނެވެ. އެގޮތުން ދިއްދޫގެ ބަނދަރުގައި ދިދަފަތި ދަމާ ޒީނަތްތެރި ކުރަމުންދާއިރު، ރައީސް ނަޝީދު ދިއްދޫގެ ރައްޔިތުންނާ މުޙާޠަބުކުރައްވާ ވާހަކަފުޅު ދެއްކެވުމަށްޓަކައި ބަނދަރު ޞަރަޙައްދުގައި ޖަޒީރާ ޕާރކެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ. މީގެ އިތުރުން ދިއްދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ޚާއްޞަ ޖާފަތެއް މާދަމާރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިއްދުއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 10 ވާ ހޮނިހިރުދުވަހުގެ މެންދުރުފަހުގައެވެ. އެހެންކަމުން ރައީސް ނަޝީދު ދިއްދޫއިން ފުރާވަޑައިގަތުމުގެ ކުރިން ހޮނިހިރު ދުވަހުގެ ހެނދުނު ދިއްދޫގެ ކައުންސިލަރުންނާ ބައްދަލުކޮށް ރަށުގެ އެކި އެކި މުއައްސަސާތަކައް ޒިޔާރަތްކޮށް ޙާލަތު ބެއްލުވުމަށް ވަނީ ހަމަޖެހިފައެވެ.