ޚަބަރު

ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ސިރިސޭނާ ނިންމެވި ނިންމެވުން ސުޕްރީމް ކޯޓުން ބާޠިލުކޮށްފި


ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވާކަމަށް އެ ޤައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ނިންމެވި ނިންމެވުން އެ ޤައުމުގެ ސުޕްރީމް ކޯޓުން ބާޠިލުކޮށް، އަވަސް އިންތިޚާބެއް ބާއްވަން ވަމުންދާ ތައްޔާރީތައް ހުއްޓާލުމަށް އަންގައިފިއެވެ.

ސިރިސޭނާ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވަނީ، އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަޤާމުން ވަކިކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަޤާމަށް ޢައްޔަންކުރުމުގެ ސަބަބުން އުފެދެނު މައްސަލަތަކާ ގުޅިގެންނެވެ. މިހާރު، ވިކްރަމަސިންހަ އާއި ރާޖަޕަކްސައާ ދެބޭފުޅުންކުރެ ޤާނޫނީ ބޮޑުވަޒީރަކީ ކޮބާ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ސުޕްރީމް ކޯޓުގެ ޢަމުރު ނެރެފައިމިވަނީ، ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސިރިސޭނާ ނިންމެވުމުން، އެކަން ބާޠިލުކުރުމަށް އެދި ސިޔާސީ ޕާޓީތަކުން އެ ކޯޓަށް މައްސަލަ ހުށަހެޅިތާ އެއް ދުވަސް ފަހުންނެވެ. ތިން ފަނޑިޔާރުން ހިމެނޭ ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ، ރައީސް ސިރިސޭނާ ޤާނޫނު ހަދާ މަޖިލިސް އުވާލައްވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވިދާޅުވެފައެވެ.

މިއާއެކު، ބުދަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބާއްވާ، އެ ޖަލްސާގައި ރާޖަޕަކްސައަށް ރުހުން ހޯދުމަށް ވޯޓަށް އަހާނެއެވެ. އެމަނިކުފާނަށް މަޤާމުގައި ދެމި ހުންނެވޭނީ، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފި ހާލަތެއްގައެވެ. ހުކުރު ދުވަހު، ރައީސް ސިރިސޭނާ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމުގެ ދެތިން ގަޑިއިރު ކުރިން ވެރިކަން ކުރާ އިއްތިހާދުން ވަނީ، ރާޖަޕަކްސައަށް ރުހުން ލިބޭ ވަރަށް، މަޖިލީހުގެ ވޯޓު ނުލިބޭނެކަމަށް ބުނެފައެވެ.