ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަގެ މައްޗަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އިތުބާރުނެތްކަމުގެ ވޯޓެއް ނެގީ ޤާނޫނާ ޚިލާފަށްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މަޖިލިސް ކުރާ ގޭގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވީ އޭނާއާ ދެކޮޅަށް ވޯޓުނެގުމުގެ ކަންތައް ގަވައިދާ ޚިލާފަށް ގެންދިޔުމުގެ ޒިންމާ އުފުއްލަވަންޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ކަމަށާއި، ޖަޔަސޫރިޔާ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ކުރިޔަށްގެންދެވީ ވަކިކޮޅަކަށް ބުރަވެވަޑައިގެންކަމަށެވެ. ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނެގުމުގެ ކުރިން މަޖިލިސް ހަމަބޮލިވެ ބައެއް މެންބަރުން އަޑުގަދަކުރަން ފެށުމުން ރާޖަޕަކްސަ އާއި އޭނާގެ ދަރިކަލުން ނަމާލް އަދި ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީގެ ބައެއް މެންބަރުން ބޭރަށް ނިކުމެވަޑައިގެންނެވިއެވެ. ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ ވޯޓު ފާސްވެފައިވަނީ 225 މެންބަރުން ހިމެނޭ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 122 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
މަގާމުންދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ތާއީދުކުރާ ފަރާތްތަކުން ބުނީ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ނެގި ވޯޓަކީ ސައްޙަ ވޯޓެއްކަމަށާ އެ ވޯޓަށް ހުރަސްއަޅަން މަސައްކަތްކުރީ ރާޖަޕަކްސަގެ ޕާޓީއާއި ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީން ކަމަށެވެ. ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމުގެ ތަންކޮޅެއްކުރިން އޭނާގެ ޕާޓީގެ ތިން މެންބަރަކު ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީއާ ގުޅިފައިވާތީ އެއީ ރިޝްވަތުގެ އަމަލެއްކަމަށް ރާޖަޕަކްސަގެ ސަޕޯޓަރުންވަނީ ތުހުމަތުކޮށްފައެވެ.
ރަނިލް މަޤާމުން ވަކިކޮށް ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށްފަހު މިވީ ދުވަސްތަކުގައި ރަނިލްގެ ޕާޓީގެ ބައެއް މެންބަރުންވެސްވަނީ ރާޖަޕަކްސަގެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ރާޖަޕަކްސަ ގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމާއެކު ސްރީލަންކާގެ ސިޔާސީ މަސްރަހު މިވަނީ އިތުރަށް ހޫނުވެ އޮޅުން ބޮޅުން ބޮޑުވެގެންގޮސްފައެވެ.
މިއާއެކު ރަނިލްގެ ޕާޓީންވަނީ އޭނާއަށް އަލުން ބޮޑުވަޒީރުކަމަށް އައްޔަންކޮށް ސަރުކާރެއް އެކުލަވާލުމުގެ ކަންތައް އޭނާއާ ހަވާލުކުރުމަށް ރައީސް ސިރިސޭނާއަށް ގޮވާލާފައެވެ. ބޮޑުވަޒީރުކަމަށް އައްޔަންކުރަންޖެހެނީ ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޭފުޅެކެވެ. ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނެގި ނަމަވެސް ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ދުސްތޫރީ ބާރު އޮންނަނީ ސްރީލަންކާގެ ރައީސްގެ ހައިޘިއްޔަތުން ސިރިސޭނާގެ އަތްޕުޅުގައެވެ.