ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މިޒަމާނުގެ ކުރިއަރާފައިވާ ޖުޑިކްޝަންތަކާ އެއް ފެންވަރަށް ކުރިއަރައި ހަރުދަނާ ވެގެން ދިއުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ތަރައްޤީވެ ކާމިޔާބު ނިޒާމަކަށް ހެދުމަށް ކޮންމެހެން ލާޒިމު ޝަރުޠެއްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޑރ.އަޙުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޕީޖީ އޮފީހުގެ 10ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޑރ.އަޙުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޖުޑިޝަރީތަކެކޭ އެއްފަދައިން ރާއްޖޭގެ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް ކުރި އެރުވުމުގައި، ޕީޖީގެ ދައުރަކީ ވަރަށް މުހިންމު އަސާސީ ދައުރެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޕީޖީ އޮފީހުގެ ވަކީލުން ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރަން ވާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުޖެހި، އެއްވެސް ފަރާތަކަށް ޖެހުލުމެއްނުވެ، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ނެތި ތަޢައްސުބުން އެއްކިބާވެ ތިބޭބަޔަކަށް ކަމަށެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވިދާޅުވީ، ފީޖީ އޮފީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަމަށާއި އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުގައި އެއޮފީހުގެ 8 ގޮފި ޤާއިމްކުރެވި ޚިދުމަތް ދެވެން ފަށާފައިވާކަމީ، ޝަރީއަތްތަށް އަވަސްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ޕީޖީ ވިދާޅުވީ، އަތޮޅުތެރޭގައި ޝަރީއަތްތަށް ކުރިއަށް ގެންދިއުމުގައި ޕްރޮސިކިއުޓަރުން ފޮނުވުމުގައި ކުރިން ދިމާވި ދަތިތައް މިހާރު އެކީ ޙައްލުވެގެން ހިނގައްޖެކަމަށެވެ.
މިހަފްލާގައިވަނީ، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ''މަފިނި'' އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން މިހަފްލާގައި ވަނީ، ޕީޖީ އޮފީހަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި، އެއޮފީހުގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދަނީ ލިޔުން ދީފައެވެ. މީގެއިތުރުން ވަނީ ޕްރޮސިކިއުޓަރ ޖެނރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމަށް އެއޮފީހުގެ މުވައްޒަފުންގެ ފަރާތުން ޚާއްސަ އެވޯޑެއް އަރުވާފައެވެ.