ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސް އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި


ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށްވުރެ އަވަސް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަމާއިބެހޭގޮތުން މަޝްވަރާކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދުއާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އަމިއްލަ  ފަރުދަކަށްވުރެ ޤައުމު އަބަދުވެސް މުޙިއްމުވާނެކަން ފާހަގަކުރައްވާ، ޤައުމަށް ނިކަމެތިކަމެއް އަންނާނެ އެއްވެސް ކަމެއް ސްޕްރީމް ކޯޓުގެ ބެންޗުން ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤާނޫނު ތަންފީޒުކުރައްވަން ތިބޭ ފުލުހުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެކަމަށާއި ކަންތައްތައް ހަރުދަނާކުރެއްވުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށްވެސް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ވިދާޅުވިއެވެ.މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށްވުރެ އަވަސް ހަރުދަނާ އުސޫލެއްގެތެރެއިން އެކަން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މައްސަލަތައް މިހާރަށް ވުރެ އަވަސްމިނެއްގައި ކޯޓުގައި ހިންގިދާނެ ގޮތްތަކާބެހޭގޮތުންނާއި ކުށުގެ ވެށި ފުޅާކޮށް އޮންނައިރު ކުށްކުރާ ފަރާތްތަކަށް އެފުރުސަތު ހަނިކުރެވިދާނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި ޝަރުޢީ ދާއިރާއަށް ފުލުހުންގެ ފަރާތުން ބޭނުންވާ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަންވެސް ޕޮލިސް ކޮމިޝަނަރވަނީ ދެއްވާފައެވެ.ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އޮތް މި ބައްދަލުވުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ހަމީދުއާއި ފަނޑިޔާރު އަލްއުސްތާޛް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ސޯދިޤް ބައިވެރިވެވަޑައިގެންނެވިކަމަށް ފުލުހުން ބުނެއެވެ.