ފުވައްމުލައް ސިޓީގެ ދޫނޑިގަމަށް ނިޞްބަތްވާ ކުޅިވަރު ޖަމްޢިއްޔާ އެފްސީ ދޫނޑިގަލޯނާ ރަޖިސްޓްރީކޮށް، އެޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވައިފިއެވެ.
ދޫނޑިގަލޯނާގެ އިދާރާ، މެހެނދިގޭގައި ބުރާސްފަތި ދުވަހުގެ 20:30 ގައި ބޭއްވި މި އިންތިޚާބުގައި ދޫޑިގަލޯނާގެ 25 މެމްބަރުން ބައިވެރިވިއެވެ. އިންތިޚާބުގައި ޖަމްޢިއްޔާގެ ރައީސް ކަމަށް ނަޞްރާޙު އަލިދީދީ، ނައިބު ރައީސްކަމަށް މުޙައްމަދު ޝުޖާޢު، ޚަޒާންދާރަކަށް އަޙްމަދު ޙަމްދޫނު ޙުސައިން، ސެކްރެޓަރީ އަކަށް މުޙައްމަދު ޙަމްދޫން ޙުސައިން، އިންތިޒާމު ސެކްރެޓަރީކަމަށް އަބްދުﷲ ރަޝީދު އަދި ޢާއްމު މެމްބަރުންނަށް ޝަމްސުލް ޖަބީނާއި އިބްރާހީމް ސައީދު ވަނީ ކާމިޔާބުކޮށްފައެވެ.
ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކޮށް، ފުވައްމުލަކާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ބާއްވާ ފުޓުބޯޅަ މުބާރާތްތަކުގައި ވާދަކޮށް ފުވައްމުލަކަށް ރީތި ނަން ހޯދައިދިނުމަކީ އެފްސީ ދޫނޑިގަލޯނާ އުފެއްދުމުގެ މައިގަނޑު މަޤްސަދުކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ކުޅިވަރުގެ ދާއިރާއިން ގިނަ ކުޅުންތެރިން ބިނާކޮށް ގިނަ ކުދިންތަކަކަށް ފުޓުބޯޅަ ކުޅުމުގެ ފުރުޞަ ތު ހޯދައިދިނުމަކީ އެއް ޢަޒުމުކަމުގައި އެ ޖަމްޢިއްޔާއިން ބުނެއެވެ.
އެފްސީ ދޫނޑިގަލޯނާއަކީ މިހާރުވެސް ފުވައްމުލަކުގައި ބާއްވާ ގިނަގުނަ ކުޅިވަރު ޙަރަކާތްތަކުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ.