ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވީ ނޮޅިވަރަންފަރަކީ އައިޑީބީގެ ލޯން އެހީގެދަށުން ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށެއްކަމަށެވެ. މިގޮތުން ނަރުދަމާ ނިޒާމް ޑިޒައިން ކުރުމަށް ކޮންސަލްޓެންޓެއް ހޯދާ އަންނަ ޖެނުއަރީމަހުގެ ތެރޭގައި ޑިޒައިނިންގެ މަސައްކަތްތައް ފެށޭވަރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ނޮޅިވަރަންފަރުގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުން އެރަށަށް ވާރޭވެހި ފެންބޮޑުވުމުން ފާޚާނާ ނިޒާމުން ނަޖިސްބޭރުވުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.މިދިޔަ ހުކުރުދުވަހު ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި އެރަށުގެ ސާޅީސް ހަތްގެއެއް ހިމެނޭ ސަރަހައްދުގައި ފެންބޮޑުވެ އެސަރަހައްދުގެ ފާޚާނާ ނިޒާމުތަކުން ނަޖިސްބޭރުވުމާއި ގުޅިގެން އަދިވެސް އެސަރަހައްދުގެ ގެތަކުގެ ވަޅުފެންވަނީ ތަޣައްޔަރުވެފައެވެ. އަދި ގޭގޭގެ ފާޚާނާ ނިޒާމްތަކުގެ މައްސަލަ ދިމާވުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެސަރަހައްދުގެ ގެތަކުގެ ޖަންކްޝަން ވަޅުގަނޑުތައް ސާފްކުރުމުގެ މަސައްކަތްވެސްވަނީ ކޮށްފައެވެ.އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ރަށުގައި ފެންބޮޑުވެ، ނަރުދަމާ ނިޒާމުން ނަޖިސްބޭރުވުމުގެ މައްސަލައާ ބެހޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާ އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް ނޮޅިވަރަންފަރަށް ގޮސް މިހާރު މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.