ބަހްރައިންގެ އިދިކޮޅު ފަރާތްތައް ވާދަކުރުން މަނާކޮށްފައިވާ އެ ޤައުމުގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ނިންމާލައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި، ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން %67 މީހުން ބައިވެރިވެފައިވާކަމަށް ބަހްރެއިންގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަދި މިއީ 2014 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ޢާއްމު އިންތިޚާބު ބޮއިކޮޓްކުރި ފަހަރަށް ވުރެ އިތުރު ޢަދަދެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބަހްރެއިންގެ ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ފަސްސަތޭކަ ހަ ކެނޑިޑޭޓުން ވާދަކުރައްވާފައިވާ ކަމަށާއި، މީގެ ތެރޭގައި ލޯކަލް އަދި ސިޓީ ކައުންސިލްތަކަށް ވާދަ ކުރެއްވި ސަތޭކަ ތިރީސް ހަތް ކެނޑިޑޭޓުންވެސް ހިމެނިވަޑައިގަންނަވާކަމަށެވެ.
އަދި މި ފަހަރުގެ އިންތިޚާބަކީ އެންމެ ގިނަ އަންހެންބޭފުޅުން ވާދަކުރެއްވި އިންތިޚާބު ކަމަށްވެސް ބަހްރެއިންގެ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް ބަހްރެއިންގެ އެކްޓިވިސްޓް ޖަމާޢަތްތަކުން ބުނެފައިވަނީ މި އިންތިޚާބަކީ ސައްހަ އިންތިޚާބެއް ކަމަށް ނުބެލެވޭނެ ކަމަށް. އެ ފަރާތްތަކުން ބުނެފައިވަނީ، ދުނިޔޭގެ ބޮޑު ޑިމޮކްރަސީތަކުންވެސް ޤަބޫލުކުރަނީ މި އިންތިޚާބަކީ އެއްވެސް ހާލެއްގައި ބަލައިގަނަވޭނެ އިންތިޚާބެއް ނޫންކަމަށް ކަމަށާއި، ސަރުކާރާ ދެކޮޅު ފަރާތްތައް ބަންދުކޮށް ހައްޔަރުކޮށްގެން، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށެވެ.
ބަހްރެއިންގެ ސަރުކާރުން ވަނީ އިދިކޮޅު ޖަމާޢަތްތައް އުވާލައި، އެ ޖަމާޢަތްތަކަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ހައްޔަރުކޮށްފައެވެ.