ޚަބަރު

ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތުތައް އިތުރުކޮށްފި


މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތުތައް އިތުރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ރާފިއު ވިދާޅުވީ އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް މުދާ ނެރެން ހަމަޖައްސާފައި އޮތްނަމަވެސް، މިއަދުން ފެށިގެން 13 ޖެނުއަރީއާ ހަމައަށް މިގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. މިގޮތުން ފިޔާ، އަލުވި، ބިސް ފަދަ އަވަހަށް ހަލާކުވާ ތަކެތި 24 ގަޑިއިރު ނެރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި ކޮންޓެއިނަރގައި ހުންނަ މުދާ ކޮންމެ ދުވަހަކު ހަވީރު ތިނަކުން ހެނދުނު ހައެއް ޖަހަންދެން ނެރެވޭނެކަމަށްވެސް ރާދިއު ވިދާޅުވިއެވެ.

"މިގޮތުން މިހަމަޖެއްސީ ލޫސް ކާގޯގެ ގޮތުގައި އަންނަ ތަކެތި ހަމަ 24 ގަޑިއިރު ގުދަން ކުރުމަށާއި ތަންތަނަށް ގެންދާ ގޮތަށް. އޭގެ ތެރޭގައި މިހިމެނެނީ ބިސް، އަލުވި ފިޔާ މިޒާތުގެ ހަލާކުވާ ޒާތުގެ ތަކެތި. އެހެންވީމަ މިއެއްޗެހި ތާޒާކަންމަތީގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް މުހިއްމުކަމެއްކަމަށް ދެކެނީ.. އެހެންވީމަ މިހުރިހާ ކަމަކަށް ވިސްނާފައި، ސްކޫލް ބަންދު ދުވަސް ވަރަކަށް ވުމާއެކު މިވަގުތަށް އެންމެ ރަނގަޅުކަމެއްކަމަށް ފެންނާތީ އެގޮތަށް މިހުޅުވާލީ" ރާފިއު ވިދާޅުވިއެވެ.

ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތު އިތުރުކުރުމުގެ އިތުރުން، މާލޭގައި މުދާ ބާލާ ސަރަޙައްދުތައްވެސް އިތުރުކުރުމަށް ނިންމާފައިވާކަމަށް ރާފިއު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވާކަމަށް ރާފިޢު ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން އަޅުގަނޑުމެން މިހާރު ވާނީ އެކި ސަރަޙައްދުތަކުގައި ލޯޑިން އަންލޯޑިން ސްލޮޓްތައް ކަނޑައަޅާ، ޕްލޭންކޮށްފައި. އެކަންތައްތަކާ ގުޅިގެން އަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މިހާރު މިގެންދަނީ. އޭގެ ތެރޭގައި އެތަންތަން ކަނޑައަޅާ، އެތަންތަނަކީ މީހުންނަށް އެނގޭ ކަހަލަ ގޮތަކަށް ބޯޑުތައް ބެހެއްޓުމާއި އެމަސައްކަތްތައް ކުރުން.. މިކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކެއްގެ ވަޒީރުންވެސް ތިއްބަވައިގެން މިކަންކަން ފައިނަލް ކުރެވިފައި ހުރީމަ ބަލަނީ މިކަންކަން މިވަނީ ނިމިފައިކަމަށް. ދެން އޮތީ އަމަލީ މަސައްކަތް.. އެކަމަށް ކުޑަކުޑަ ވަގުތުކޮޅެއް ނަގާނެކަމަށް މިބަލަނީ" ރާފިއު ވިދާޅުވިއެވެ.

މުދާ އުފުލާ ވަގުތުތަކާއި މުދާ ބާލާ ސަރަޙައްދުތައް އިތުރުކުރާއިރު، ބައެއް ފަރާތްތަކުން މުދާ އުފުލާއިރު ރައްކާތެރި ނޫން ގޮތްގޮތަށް މުދާ އުފުލާކަން ފާހަގަވެފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކުރެއެވެ. އެހެންކަމުން މިކަންކަމަށް ކަނޑައެޅިފައި ހުރި ޤަވާއިދުތަކާ އެއްގޮތަށް މުދާ އުފުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކުރެއެވެ.