ޚަބަރު

ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދިފާއީ ޕްރޮގްރާމެއް- އީރާން


އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދިފާއީ ޕްރޮގްރާމެއް ކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަހްރާމް ޤާސިމީ ވިދާޅުވީ އޭނާގެ ޤައުމުން ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރަމުންދާކަމުގައިވާނަމަވެސް އެއީ އަމިއްލަ ދިފާޢަށްޓަކައި ކުރާކަމެއް ކަމަށެވެ.

ޤާސިމީ މިހެން ވިދާޅުވީ އީރާނުން މެދުރާސްތާގެ ބަލިސްޓިކް މިސައިލެއް ތަޖުރިބާކުރިކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ބަޔާނެއް ދެއްވުމުންނެވެ. ޕޮމްޕެއޯގެ ބަޔާނުގައި، އީރާނުން ތަޖުރިބާކުރި މެދުރާސްތާގެ ބަލިސްޓިކް މިސައިލަކީ ނިއުކްލިޔަރ ވޯހެޑްތައް ހަރުކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ މިސައިލެއްކަމަށް ސިފަކުރައްވައި އެއީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ އަދި އދގެ ގަރާރުތަކާ ޚިލާފު ޢަމަލެއްކަމަށް ވިދާޅުވެފައިވެއެވެ.

އީރާނުގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް އަމިއްލަ ނަފުސުގެ ދިފާޢުގައި ހަތިޔާރު އުފެއްދުމުގެ ޙައްޤު އީރާނަށްވެސް އޮންނާނެކަމަށެވެ. އަދި އީރާނުން މިސައިލް އުފެއްދުމާއި ތަޖުރިބާކުރުން ހުއްޓާލުމަށް ގޮވާލާ އދގެ ޤަރާރެއް ނޯންނާނެކަމަށްވެސް އީރާނުގެ ތަރުޖަމާނު ވިދާޅުވިއެވެ.