ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން- ގަވަރުނަރު


އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި އެމް.އެމް.އޭ ނުވަތަ މާލީ އިދާރާއަކުން ޤާނޫނާ ޚިލާފަށް އަމަލުކޮށްފައިވާނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީ، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމް.އެމް.އޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ މައްސަލައަކީ ތަހުޤީޤީ އިދާރާތަކުން ތަހުޤީޤްކުރަމުންދާ މައްސަލައަކަށްވުމުން އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އެމް.އެމް.އޭއަށް ނޭނގޭކަމަށެވެ.

ނަމަވެސް އެމް.އެމް.އޭއިން މިހާތަނަށް ބެލިބެލުމުން އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަނުގެ މައްސަލައަކީ މާލީ ނިޒާމުގެ ތެރޭގައި ހުރި މައްސަލައަކުން ދިމާވި ކަމެއް ނޫންކަމަށާއި، ނަމަވެސް ނިޒާމުގެ ތެރޭގައި އުޅޭ ބައެއްގެ އިހުމާލުން ހިނގާފައިވާކަމެއްކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ. އަދި އެކަމުގައި އެމްއެމްއޭއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާކަމަށާއި، އެކަމުގައި އެމްއެމްއޭގެ އެއްވެސް އިހުމާލެއްވާނަމަ، އެކަމާ ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނޭކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރުގެ ވާހަކަފުޅުގައި ދައުލަތުގެ ހަޒާނާއަށް ފައިސާ ޖަމާކުރުމުގައި ދޯހަޅި އުސޫލުތަކެއް އޮންނަކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރިއެވެ. އެގޮތުން ދައުލަތުގެ ހަޒާނާއަށް ފައިސާ ޖަމާކުރަނީ ވަކި އުސޫލެއްގެ ދަށުން، ޚާއްސަ ފަރާތްތަކެއްގެ ހާޒިރުގައިކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނާއި ގަވާއިދުގެ ބޭރުން ދައުލަތުގެ ހަޒާނާއަށް އެއްވެސް ފައިސާއެއް ނުވަންނާނެކަމުގެ ޔަޤީންކަން ގަވަރުނަރު އެރުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލައެއް ދިމާނުވާނޭ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަވެސް ތަހުޤީޤްކުރުމުގައި ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީ ހޯދާނެކަަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސް އޮަޕަރޭޝަން ޕްރޮސީޖަރއާ ގުޅޭ އޮޑިޓެއް ހަދާފައިވާއިރު، ރަނގަޅު ކުރަންޖެހޭ ކަންކަން ބީއެމްއެލްއަށް އަންގާފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ސަރުކާރުގެ ތެރެއިން ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތަށްވާއިރު، އެކަމުގެ ސަބަބުން 1.22 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ގެއްލިފައެވެ. އެކަން އެގޮތަށް ދިމާވެފައިވަނީ ފަތުރުވެރިކަމަށް ދޫކުރި ރަށްތަކެއްގެ ފީގެ ގޮތުގައި ދައުލަތުގެ ޕަބްލިކް ބެންކް އެކައުންޓަށް ވަންނަން ޖެހޭ ފައިސާތަކެއް އަމިއްލަ ފަރާތްތަކެއްގެ އެކައުންޓްތަކަކަށް ޖަމާކުރުމުންނެވެ.
އެމްއެމްއޭއިން ބުނީ އެމައްސަލަ ފާހަގަވި ހިސާބުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެމައްސަލަ ކަމާބެހޭ ތަހުޤީޤީ އިދާރާތަކަށް ހުށަހެޅިކަމަށެވެ.