ވިޔަފާރި

ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 19.8 ބިލިއަން ރުފިޔާ


ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 19.8 ބިލިއަން ރުފިޔާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 19.89 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

19.89 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިހާތަނަށް ލިބިފައިވާއިރު މީގެ ތެރެއިން 14.4 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސްގެ ގޮތުގައި ނުހިމެނޭ ކަންކަމުން ލިބުނު އާމްދަނީ 5.22 ބިލިއަނަށް އަރާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 307.7 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ސަރުކާރުގެ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދަށް 16.09 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ ބަޖެޓުގައި ކަނޑައަޅާފައިވާ 16.06 ބިލިއަނަށްވުރެ 26.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި މުސާރައާއި އެހެނިހެން އިނާޔަތަށް 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ރިކަރަންޓްގެ ޚަރަދުގެ ގޮތުގައި ހިމެނޭ އޮފީސް ހިންގުމުގެ ޚަރަދަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީވެސް ބަޖެޓްކޮށްފައިވާ މިންވަރަށްވުރެ އިތުރު އަދަދެކެވެ.

ކެޕިޓަލް ޙަރަދު ނުވަތަ ތަރައްޤީއަށް ޚަރަދުކުރެވިފައިވާ މިންވަރަށް ބަލާއިރު، 8.4 ބިލިއަން ބަޖެޓް ކުރެވިފައިވީ ނަމަވެސް، އެކަމަށް މިހާތަނަށް ޚަރަދުކޮށްފައި ވަނީ 7.06 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 5.4 ބިލިއަން ރުފިޔާއަކީ ބްރިޖާއި، މަގު ހެދުމާއި އެއަރޕޯޓްތައް އެޅުމަށް ހިނގާފައިވާ ޚަރަދެވެ.

ދައުލަތުގެ ޚަރަދުތަކާބެހޭ ތަފާސް ހިސާބު ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާއިރު، ކޮންމެ ހަފްތާއަކު އެއް ފަހަރު ދައުލަތުގެ ޚަރަދުތަކާބެހޭ ތަފްސީލް ހާމަކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.