ޚަބަރު

އެމްއޭސީއެލްއަށް ޚިދުމަތްކުރި 160 މުވައްޒަފުންގެ އަގުވަޒަންކޮށްފި


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް ދިގުމުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންނާއި، ކުންފުނީގެ ވަޒީފާއިން މުސްކުޅިކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

އެމްއޭސީއެލްއަށް ދިގުމުއްދަތަށް ޚިދުމަތްކުރި މުވައްޒަފުންނާއި ރިޓަޔަރކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި 160 މުވައްޒަފަކަށް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުންފުންޏަށް 20 އަހަރު ޚިދުމަތް ކުރި 92 މުވައްޒަފަކާއި، 25 އަހަރު ޚިދުމަތްކުރި 39 މުވައްޒަފަކާއި، 30 އަހަރު ޚިދުމަތްކުރި 9 މުވައްޒަފަކާއި، 35 އަަހަރު ޚިދުމަތްކުރި 9 މުވައްޒަފެކެވެ. މީގެއިތުރުން 21 މުވައްޒަފަކު ވަނީ ކުންފުނީގެ ޚިދުމަތުން ރިޓަޔަރކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙު ވިދާޅުވީ، އެމްއޭސީއޭލް މިހާރު ދެކެމުންމިދާ ކުރިއެރުމުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން އުމުރުން 65 އަހަރު ފުރުނު ކަމުގައިވީނަމަވެސް، މުވައްޒަފުން ބޭނުންވެއްޖެނަމަ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގެ އެހެން ކުންފުނިތަކާ ޚިލާފަށް ދިގުމުއްތަކަށް މުވައްޒަފުން ޚިދުމަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށް އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. މޯލްޑިވްްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގައި ތިންހާހެއް މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.