ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން މި ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.އެޗް.އައި.ވީ އަދި ޓީބީ ކޮންޓްރޯލްކުރުމަށް އަލަށް އެކުލަވާލެވިފައިވާ ނެޝަނަލް ސްޓްރެޓެޖިކް ޕްލޭންގެދަށުން، ސްކޫލުކުދިންނާއި، ފުރާވަރުގެ ކުދިން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމަށްވާންޖެހޭ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެން ދާއިރާތަކާއި ގުޅިގެން ހެލްތް މިނިސްޓްރީންދަނީ ކުރައްވަމުންނެވެ.މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ،ވަރަށް އަވަސް މުސްތަޤުބަލެއްގައި މި ޕްރޮގްރާމް ފެށިގެންދާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، ބަލިތަކަށް ސްކްރީން ކުރުމުގެ އިތުރުން، އެފަދަ ބަލިތަކާއި ގުޅޭގޮތުން ހޭލުން ތެރިކުރުވުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ގައިން އެޗް.އައި.ވީ އަދި ޓީބީ ބަލި ފެންނަމުންދާކަމީ، ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ ނާޒިމް ވިދާޅުވީ، އެފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިންމަސް ދުވަސްތެރޭގައި ރާއްޖެ އެތެރެވާ ކޮންމެ ބިދެސީ މިހަކީ، ހެލްތް މިނިސްޓްރީން ކަނޑައަޅާ ހެލްތް ސެންޓަރުތަކަކުން ސްކްރީން ކުރެވިގެން ގެނެވޭ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާކަންވެސް މިނިސްޓަރ ފާހަނގަކުރެއްވިއެވެ. އަދި މިއަންނަ ހަފްތާ ތެރޭގައި ރަސްމީކޮށް އެކަން ސަރުކާރުން އިޢުލާންކުރައްވާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ނެޝެނަލް އެޗް.އައި.ވީ، އެއިޑްސް ޕްރޮގްރާމްގެ ރިކޯޑްތަކުން ދައްކާގޮތުގައި، އެޗް.އައި.ވީ ޖެހި، އެބައްޔަށް ފަރުވާ ހޯދަމުންދާ ނުވަ މީހަކު ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މަދު އަދެދެއް ނަމަވެސް، އެޗް.އައި.ވީ ޖެހިފައިވާ ގާތްގަނޑަކަށް ތިރީސް ދެ މީހުން ރާއްޖޭގައި ދިރިއުޅެމުންދާނެ ކަމަށް އެޗް.ޕީ.އޭއިން އަންދާޒާކުރެއެވެ.