ޚަބަރު

ޢިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ޓާސްކް ފޯސްއެއް އެކުލަވާލައިފި


މާލޭގައި ކުރަމުން އަންނަ ކޮންސްޓްރަކްޝަން އެކި މަސައްކަތްތައް މޮނިޓަރ ކުރުމަށްޓަކައި ޚާއްސަ ޓާސްކް ފޯރސްއެއް އެކުލަވާލާ ސައިޓުތައް ބެލުމުގެ މަސައްކަތް މިއަދު ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ހުޅުމާލެ އަދި ވިލިންގިލީގައި ޢިމާރާތްކުރުމުގެ މަސައްކަތް ހިންގަމުން އަންނަ ސައިޓުތަކަށް ގޮސް އެތަންތަނުގައި މަސައްކަތްކުރަނީ ގަވާއިދާއެއްގޮތަށްތޯ ބެލުމަށް ހަމަޖެހިފައިވާކަމަށް ސިޓީކައުންސިލުން ބުނެއެވެ. މާލޭގައި ހަދަމުން ދިޔަ ޢިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު ނިޔާވުމާއި ގުޅިގެން، މާލޭގައި ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބޮއްސުންލާފައިވާ މިންވަރު ސަރުކާރާއި، ސިޓީ ކައުންސިލްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި އިމާރާތްކުރާ ތަންތަނުގައި ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމުގެ ކުރިން މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓްތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ހިމެނެނީ މާލެ ސިޓީކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީއާއި، ޕޮލިހާއި އެމްއެންޑީއެފް އަދި އަރކިޓެކްޗަރ އެސޯސިއޭޝަނާއި އިންޖިނިއަރިން އެސޯސިއޭޝަންގެ ބޭފުޅުން ހިމެނޭކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.