ޚަބަރު

އައްޑޫ ސިޓީ މަގުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފި


އައްޑޫސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫސިޓީގެ މަގުތަކަކީ ވިއްސާރަ ވެއްޖެނަމަ، ފެންހެދި މީހުންނަށް ހިނގާބިނގާވެއުޅުމާއި، އެއްގަމު އުޅަނދުތައް ދުއްވުމަށް ދަތިވާ މަގުތަތަކެކެވެ. ވިއްސާރަ މޫސުމުގައި މަގުތަކުގައި ހެދޭ ފެންގަނޑު ބޮޑުވެ ގޭގެއަށްވެސް ފެންވަދެއެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން، ކައުންސިލްތަކުން އަތުލި ބާރުތައް މިހާރުވަނީ އަނބުރާ ދީފައެވެ. އެގޮތުން އައްޑޫސިޓީގެ މަގުތައް ހެދުމާއި މަރާމާރު ކުރުމުގެ ބާރު ހައުސިންގ މިނިސްޓްރީގެ ބެލުމުގެދަށުގައި އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ވަނީ ސިޓީ ކައުންސިލަށް އެބާރުތައްދީފައެވެ. އައްޑޫސިޓީ ކައުންސިލުން ބުނީ އެކައުންސިލްގެ ބެލުމުގެ ދަށުގައި މިވަގުތު އޮތީ އައްޑޫގެ އަވަށްތަކުގެ ވެލި މަގުތައް ހެދުމާއި، އެހެން މަގުތަކުގެ ކުދި މަރާމާތުތަށް ކުރުން ކަމަށެވެ. އަދި ރަނގަޅު ފެންވަރަށް މަގުތަށް ހެދުން ފަދަ ބޮޑެތި މަޝްރޫއުތަށް ހިންގާނީ ޕްލޭނިންގ މިނިސްޓްރީން ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގެ ވެލި މަގުތަކުގައި ފެންބޮޑުވުމާއި، އަޑިގުޑަން ވުމުގެ ސަބަބުން ހިނގާބިނގާވެއުޅޭމީހުންނަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. އަދި މީގެ ކުރިން އެކި ބޭނުމަށް އެކި ފަރާތްތަކުން މަގުތައް ކޮނެ އުސޫލެއް ނެތި ދޫކޮށްލާފައިވާކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.

އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ ވެލި މަގުތައް އެއްވަރުކޮށް ކޮންމެ ފަހަރަކު ވެލި އެޅުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. މިކަން ހައްލު ކުރުމަށް އައްޑޫގެ އަވަށްތަކުގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައި އަވަށްތަކުގައި ސްޓޯމް ވޯޓަރ ބޭރު ކުރެވޭނެ ރަނގަޅު ނިޒާމެއް ހުރުން މުހިންމު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގެ ވެލި މަގުތަކުގެ އިތުރުން އައްޑޫގެ ތާރު އަޅާފައިވާ މަގުތަކަކީ ވެސް ވިއްސާރަވުމުން ފެން ބޮޑުވާ މަގުތަކެވެ. އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ތެރެއިން މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގެ ތާރު އަޅާފައިވާ މަގުތަކުގައި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރުމަށް ތާރުގަނޑު ވަނީ ކަނޑާލާފައެވެ. މިކަމުގެ ސަބަބުން މަގުތަކުގައި ޗަކަ އުފެދުމުގެ މައްސަލަވެސް ދަނީ ދިމާވަމުންނެވެ.