ޚަބަރު

ސިއްޙީ ދާއިރާއަށް ކުރާ ހޭދަ 60 އިންސައްތަ އިތުރުކުރަނީ


މީގެ ކުރިން ސިއްޙީ ދާއިރާއަށް ކުރި ހޭދައަށްވުރެ ފަސްދޮޅަސް އިންސައްތަ އިތުރަށް މިދާއިރާއަށް ހޭދަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވަޢުދުގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ ޙަރަކާތް އިފްތިތަޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރިކަމަށާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ނިމުނު ނަމަވެސް އެ މަސައްކަތް ހުއްޓާލެވެން ނެތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާއިރު މިކަމާމެދު ސިޔާސަތުތައް އެކަށައަޅާ ފެންވަރުގެ ބޭފުޅުންވެސް ފުންކޮށް ވިސްނާ ފިޔަވަޅުތަކެއް އަލަންޖެހިފައިވާކަމަށެވެ. ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމަކީ ހަމައެކަނި ޙައްލު ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމުގައި އެކަށީގެންވާ ބަދަލެއް ގެނައުމަށް ހުރިހާ ފަރާތެއް ޝާމިލުވާގޮތަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ދުންފަތާއި ސުޕާރީއާއި އެނަރޖީ ޑްރިންކްސްތަކާ މެދު ހޭލުންތެރިކުރުމަށް ތަފާތު ފެންނަވަރުގެ މަސައްކަތްތަކެއް ހެލްތް މިނިސްޓްރީން ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކާމެދު ހޭލުންތެރިކުރުމުގައި މިއަދު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ދިވެހި ޒުވާން ޖީލު ވަރަށް އަވަހަށް މުސްކުޅިވެ ބަލިވެފައިވާ ޖީލަކަށް ވާނެކަމަށާއި އެކަން ހުއްޓުވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް މިއަދު ކުރަންޖެހިފައިވާކަމަށެވެ. އަދި އެއަމާޒަށް ވާސިލުވުމަށް ޤައުމީ ފެންވަރުގަޔާއި ފަރުދީ އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައިވެސް މަސައްކަތް ކުރަންޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.