ކުޅިވަރު

"ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއަސް އަބަދުވެސް ހުންނާނީ ގައުމީ ޓީމްގެ ފަހަތުގައި"


ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމުގައި ވީނަމަވެސް، ގައުމީ ޓީމަށް ޚިދުމަތްކޮށްދިނުމުގައި އަބަދުވެސް ހުންނާނެކަމަށް 17 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހު ރޭ ކުޅުން ހުއްޓާލި އިމްރާން މުހައްމަދު ބުނެފި އެވެ.

ގައުމީ ޓީމްއަށް ކުޅުން ހުއްޓާލުމާއި ގުޅިގެން އިމްރާންގެ ޝަރަފްގައި ރޭ ބޭއްވި ހާއްސަ މެޗްގެ ކުރިން ވާހަކަދައްކަމުން އިމްރާން ބުނީ 17 އަހަރު މެދު މެދުނުކެނޑި ގައުމީ ޓީމަށް ކުޅުމަކީ ވަރަށް ބުރަ އަދި ވަރަށް އުނދަގޫ މަސައްކައްތަކެވެ. ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް ކީޕަރު އިމްރާންއަށް އެހީތެރިވެދިނީ އާނޭގެ އާއިލާ އަދި ގާތް ރަހުމަތްތެރިންކަމަށް އިމްރާން ބުންޏެވެ. އަދި ހާއްސަކޮށް ސަޕޯޓަރުންނަކީ އިމްރާން މިހާ ހިސާބަށް އައުމުގެ އެންމެ ބޮޑު ހިއްސާވި އެއްބައިކަމަށްވެސް އިމްރާން ބުންޏެވެ.

އިމްރާން ބުނީ 2016 ކުރިންވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ބޭނުންވިކަމަށާއި، ނަމަވެސް ރައްޓެހިންނާއި އެތައްބައެއްގެ އެދުމުގެ މަތިން ހުއްޓާނުލައި 2016އާއި ހަމައަށް ކުރިއަށްދިޔައީކަމަށެވެ. އަދި ކުޅުން ހުއްޓާލުމަށްފަހު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުން އޭގެ ފައިދާވެސް މިހާރު ފެނިފައިވާކަމަށް މަހިބަދޫއަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.

"އަހަރެން އަބަދުވެސް ހުންނާނީ ގައުމީ ޓީމްގެ ފަހަތުގަ. ކުޅުން ހުއްޓާލައިގެން ނޫންނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތެއް ނުލިބޭނެ. ބައެއް އުމުރުފުރާގެ މުބާރާތުގައި ސީނިއަރ ކުޅުންތެެރިންނަށް ކުޅެން ލިބުނު މުބާރާތްތަށްވެސް ދޫކޮށްލީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ވެގެން. އޭއީ ނެގި ރިސްއެއް. މިހާރު އެރިސްކްގެ ފައިދާ ވަނީ ފެނިފަ. މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ދަށި ހޯދުމުގެ އިތުރުން، ފައިސަލްވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފަ" ގައުމީ ޓީމްއަށް ކުޅުން ހުއްޓާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިމްރާން ބުންޏެވެ.