ޚަބަރު

އިބްތިހާލްގެ މަރުގެ މައްސަލަ ރައީސް ކުއްވެރިކުރައްވައިފި


ވ.ރަކީދޫ ގެއެއްގެ ތެރެއިން ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު 3 އަހަރުގެ ކުޑަފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް ޢަލީ ކުރައްވާފައިވާ ޓްވީޓްގައި ވަނީ މި މައްސަލަ ހަރުކަށި ޢިބާރާތުން ރައީސުލް ޖުމްހޫރިއްޔާ ކުށްވެރުކުރައްވާ ކަމަށެވެ.މިމައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ބެލުންތަށް ބެލުމަށް އެކުއްޖާގެ ހަށިގަނޑު ރޭ މާލެ ގެނެސް، ތަޙުޤީޤަށް ބޭނުންވާ މައުލޫމާތު ހޯދަމުންދާކަމަށް ފުލުހުންވަނީ  ބުނެފައެވެ. އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުއްޖާ މިހާރު އޮތީ މާލެގެނެސް މޯޗަރީ ގައި ކަމަށާއި އެކުއްޖާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ، އެރަށު ގެއެއްގެ ތެރޭގައި އެކުއްޖާ ޒަޚަމްތަކަކާއެކު  އޮތްކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ އިއްޔެ ހެނދުނު 11:45 އެހާކަށްއިރުކަމަށާއި ކުއްޖާ ނެގިއިރު ކުއްޖާގެ ހަށިގަނޑުގެ އެކިތަންތަން ދުޅަވެފައިހުރިކަމަށެވެ. އަދި އޭރު އެކުއްޖާ އޮތީ މަރުވެފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.ރަށުކައުންސިލުން ބުނީ، ވަރަށްބޮޑެތި ހާނިއްކަތަކަކާއެކު މަރުވެފައިވާއިރު،  މިތުއްތު ކުއްޖާއަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މީގެކުރިން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ތަހުގީގުކޮށްފައިވާކަމަށެވެ. އަނެއްކޮޅުން މިމައްސަލާއި ގުޅިގެން ޖެންޑަރ މިނިސްޓަރީއާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ތަޙްޤީގް ތަކެއް ކުރަމުންދާކަމަށް މައުލޫމާތުދެއެވެ. ޕީޖީ ވިދާޅުވެފައިވަނީ މިކަމުގައި ދައުލަތުގެ އެއްވެސް ފަރާތެއްގެ އިހުމާލެއް ވެފައިވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.އެމް.ޑީ.ޕީން ވަނީ މި މައްސަލައިގައި ފުލުހުންނާއި މުއައްސަސާތަކުން އިހްމާލުވެފައިވޭތޯ ބެލުމަށް އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް މައްސަލަ ހުށައަޅާނެކަމަށް ބުނެފައެވެ.