ކުޅިވަރު

ޖޫން މަހު ސީޒަން ފަށަން ނިއުއާއި މާޒިޔާއިން އެއްބަހެއް ނުވި!


އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން މާޒިޔާ އާއި ނިއުރޭޑިއަންޓުން އެއްބަސްނުވާ ކަމަށް އެ ދެ ކުލަބުން ބުނެފިއެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް ބުނީ ސީޒަން ޖޫން މަހު ފަށައިފިނަމަ އެތައްގޮތަކުން ކުލަބަށް ގެއްލުންވާނެ ކަމަށް. މިވާހަކަ އަށް މާޒިޔާގެ މެނޭޖަރ އިބްރާހީމް ވަހީދުވެސްވަނީ ތާއީދުކޮށްފައެވެ.

މި ދެ ކުލަބުން ބުނީ ޖޫން މަހު ސީޒަން ފަށަން މަޝްވަރާކުރި ނަމަވެސް ލީގުގެ ފުރަތަމަ މެޗު ކުޅެން މިހާރު ވިސްނާފައި އޮތީ އޮގަސްޓް މަހު ކަމަށް. އަދި ސީޒަން ނިންމަނީ ޖެނުއަރީ މަހު ކަމަށެވެ.

މި ގޮތަށް ހެދުމުން ހަތަރު މަސް ދުވަހު ކުޅުންތެރިން އޮފްސީޒަނުގައި ތިބެން ޖެހޭނެއެވެ. އަދި މި އަހަރުގެ ސީޒަން ފެށުން ލަސް ކުރުމުން ކުޅުންތެރިންނަށް އާމްދަނީ ނުލިބި ހައެއްކަ މަސް ދުވަހު ތިބެން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޑިސެމްބަރު ޖެނުއަރީ އަކީ އަބަދުވެސް ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރުކަމުންނެވެ.

މިދުވަސްވަރު އެތައް ބަޔަކު އާއިލާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށާއި އަދި މިއީ އަތޮޅު ތެރޭގައި ގިނަ ފުޓްބޯޅަ މުބާރާތްތަކެއް އޮންނަ ދުވަސްވަރަކަށްވުމުން ކުޅުންތެރިންނަށް އެމުބާރާތްތަކުން ލިބޭ އާމްދަނީ ލިބުމަށް ހުރަސް އެޅޭ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ބުންޏެވެ.

"ނޮވެމްބަރ އަދި ޑިސެމްބަރ މަހަކީ ރާއްޖޭގެ އެހެންރަށްރަށުގައި މުބާރާތަށް ކުރިއަށްދާ ދުވަސްވަރު. އެއީވެސް ކުޅުންތެރިން ވަރަށް ގިނަ މާލީ ފައިދާ ކުރާ މުބާރާތްތަކެއް. ނިއު މިފަހަރު ސީޒަން ނިންމާލީ ވަރަށް ގިނަ ކުޅުންތެރިންނަށް މުސާރަ ނުލިބި. އެހެންވީމަ ރަށްރަށުގައި މިއޮންނަ މުބާރާތްތަކުންވެސް ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ. ނަމަވެސް އެދޮރުވެސް މިހާރު ބަންދުވަނީ. އަޅުގަނޑުމެން އުފާކުރަން ކުލަބްއަށް ކުޅުންތެރިޔާއަށް މުސާރަ ނުދެވޭތާގައި އެމުބަރާތްތަކުންވެސް ކުޅުންތެރިންނަށް އެއްޗެއް ލިބޭތީ." ނިޔާޒް ބުންޏެވެ.

ނިއު އާއި މާޒިޔާއިން ބުނީ ކުލަބުތަކުން ބަރާބަރަށް މުސާރަ ނުދެވޭއިރު އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ކުޅެން ކުޅުންތެރިންނަށް ލިބޭ ފުރުސަތުތައް ބަންދުކުރުން ރަނގަޅު ނޫން ކަމަށެވެ.

މި ދެ ކުލަބުން ފާހަގަކުރި އަނެއް މައްސަލަ އަކީ ސީޒަން ޖޫން މަހު ފަށައިފިނަމަ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅޭއިރު ރާއްޖޭގެ ސީޒަން ނިމިފައި އޮންނާނެ މައްސަލައެވެ. މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެނޭޖާރ އިބްރާހިމް ވަހީދު ބުނީ މިއީ ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއްކަމަށާއި ނަމަވެސް މިބަދަލާއެކު ކުޅުންތެރިންނަށް ވާނީ ކިހިނެއްތޯ އެންމެންވެސް ވިސްނަންޖެހޭކަމަށެވެ. އަދި ކުޅުންތެރިންނަށް ގޮތެއް ހަމަޖައްސައިނުދީ މިގޮތަށް ކަލަންޑަރަށް ބަދަލް ގެނައުމީ އެންމެ ރަގަނޅު ގޮތްނޫންކަމަށްވެސް ވަހީދު ބުންޏެވެ.

"އަލުގަނޑުމެންނަނީ އެންމެ ގާތުން ކުޅުންތެރިންނާއި އެކު މަސައްކަތް ކުރާ މީހުން، އެކުދިންގެ ހާލު އެންމެ ރަގަނޅަށް އެގޭ އެއްބަޔަކީ އަޅުގަނޑުމެން. ފުޓްބޯލަ ކުޅޭ ގިނަ ކުޅުންތެރިންނަކީ މާލެ ބަދަލްގެ ތަންތަށް ކުއްޔަށް ހިފައިގެން އުޅޭ ކުޅުންތެރިން. އެކުޅުންތެރިންނަށް 6 މަސް ނުވަތަ 4 މަސް ދުވަހު މުސާރަ ނުލިބި، އެކުޅުންތެރިންނަށް ވަނީ ކިހިނެއްބާއޭ. އެކުޅުންތެރިން ކުލިދައްކާނީ ކިހިނެއްބާއޭ. މިކަންތަށްތަށް މިގޮތަށް ހުރުމުން މާޒިޔާއިން ވިސްނީ ކުޅުންތެރިންނަށް ގޮތެއް ހަދާނުދެވި މިގޮތަށް ލީގްއަށް ބަދަލް ގެނައުމަކީ އެންމެ ރަގަނޅު ގޮތް ނޫންކަމަށް." ވާހިދު ބުންޏެވެ.

ނިއު އާއި މާޒިޔާއިން ބުނީ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއެކު ބޭއްވި ބައްދަލުވުމުގައި އެ ދެކުލަބުނޫން އަނެއް ހަ ކުލަބުން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.