ކުޅިވަރު

ފުޓުބޯޅަ ކަލަންޑަރު އެކުލަވާލީ ކްލަބްތައް ބޭނުންވާގޮތަށް - އެފްއޭއެމް




މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރު އެކުލަވާލުމުގެ ކުރިން ކުލަބްތަކަށް ތިން ގޮތެއް ހުށައެޅިކަމަށް އެފްއޭއެމުން ބުނެފި. މިއަހަރު ފުޓްބޯޅަ ސީޒަން ޖޫން މަހުގައި ފެށުމަށް ނިންމާފައިވަނީ ފުރަތަމަ ޑިވިޝަންގެ އަށް ކުލަބްގެ ތެރެއިން ހަތް ކުލަބްގެ ތާއީދާއެކު.
އެފްއޭއެމްގެ ޓެކްނިކަލް ޓެކްނިކަލް ޑިޕާޓަމަންޓް ހެޑް އިހުސާން އަބްދުލް ޢަނީ (ސާންތި) ވިދާޅުވީ ކަލަންޑަރު އެކުލަވާލުމުގައި އެފްއޭއެމުން ކުލަބްތަކަށް ތިން ގޮތެއް ހުށައެޅިކަމަށެވެ. އަދި އޭގެ ތެރެއިން ލިބޭނެ ފައިދާތަކާއި ގެއްލުންތަށްވެސް ކުލަބްތަކަށް ވަރަށް ރަނގަޅަށް ކިޔައީދީފައިވާނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ފުރަތަމަ ހުށައަޅާފައިވަނީ މިއަހަރު ސީޒަން އޭޕްރީލް މަހުގައި ފެށުމަށެވެ. އޭޕްރީލް މަހުގައި ސީޒަން ފެށުމުން ޑިސެންބަރު މަހަށް ސީޒަން ނިންމާލެވެއެވެ. ނަމަވެސް އޭޕްރީލް މަހުގައި ސީޒަން ފަށާ ޑިސެމްބަރ މަހަށް ސީޒަން ނިންމާއިރު، މެޗްތަށް ކުޅެވޭނީ ވަރަށް ކައިރި ކައިރީގައެވެ. އަދި ފީފާގެ ތާރީޙުތަކުގައިވެސް މެޗްތަށް ކުޅުމަށް ގިނަ ހުރަސްތަކެއް އޭޕްރީލް މަހުގައި ސީޒަން ފެށުމުން ދިމާވާނެކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ.
ދެވަނަ ގޮތަކަށް އެފްއޭއެމްއިން ހުށައަޅާފައިވަނީ ދެ އަހަރަށް ބަހާލައިގެން ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިއުމެވެ. އެއީ މިއަހަރުގެ ޖޫން މަހުން ފެށިގެން މިއަންނަ އަހަރުގެ މާޗް މަހާއި ހަމައަށެވެ. މިގޮތަށް ސީޒަން ފެށުމުން ގައުމީ ޓީމްތަކަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ އަދި ގާތްގާތުގައި މެޗްތަށް ނުކުޅެ، ހަފްތާ ބަންދުގައި މެޗުތަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތިންވަނަ ގޮތަކަށް އެފްއޭއެމްއިން ހުށައެޅީ މާޗް މަހުގައި ސީޒަން ފަށާގޮތަށް ނޮވެމްބަރ މަހުގައި ސީޒަން ނިންމާގޮތަށެވެ. އިހުސާން ވިދާޅުވީ އެފްއޭއެމުން ވަކިގޮތަކަށް ކަލަންޑަރު އެކުލަވާލަން މަސައްކަތްކޮށްފައިނުވާނެކަމަށާއި އެކަންކޮށްފައިވާނީ ކުލަބްތަކުގެ މަޝްވަރާގެ މަތީންކަމަށެެވެ.

"އަޅުގަނޑުމެން ހުންނާނެ ކުލަބްތަކަށް މީގެއިން ވާނެ ފައިދާ އާއި ގެއްލުންތަށް ދޫކޮށްލާފަ. މިސާލަތަށް ކުޅުންތެރިންގެ މުސާރައިގެ ކަންތަށްތަށް. 4 މަސްވަންދެން ކުޅުންތެރިން މުސާރަ ނުލިބި ހުންނަން ޖެހޭ ވާހަކައަށްވެސް ކުލަބްތަކުންވަނީ ޒިންމާވެފަ. ކުލަބްތަކުންވަނީ އެކަމަށް ހައްލެއްވެސް ހޯދާދީފަ. ކުލަބްތަކުން ބުނީ މިކަމާއި އެފްއޭއެމްއިން ނުވިސްނާށޭ އަދި ވަޒިފާއަށް ނުދާ ކުޅުންތެރިންނަށްވެސް ގޮތަށް ހަމަޖެއްސުމަކީ ކުލަބްތަކުގެ ޒިންމާއެއްކަމަށް ކުލަބްތަކުންވަނީ ބުނެފަ. ކުލަބްތަކުން ބުނީ މިކަމުން ކުޅުންތެރިންނަށްވަނީ ފައިދާކަމަށް" އިހުސާން ވިދާޅުވިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގަ. ޖޫން މަހުގައި އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުން މިއަހަރަށް ފަސްކުރި ގައުމީ މުބާރާތެވެ.