ކުޅިވަރު

ގްރީން އާއެކު ހަދާފައިވާ އެއްބަސްވުން ސުޒެއިން އައުކޮށްފި


މިއަހަރުވެސް ގްރީން ސްޓްރީޓަށް އިރުޝާދުދޭން ތަޖުރިބާކާރު ކޯޗް އަލީ ސުޒެއިން ނިންމައިފިއެވެ.

ގްރީން ސްޓްރީޓްގެ ކޯޗެއްގެ ގޮތުގައި މަޑުކުރަން ނިންމާ ކޯޗް އަލީ ސުޒޭންވަނީ ގްރީންއާއިއެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރަށް އިތުރުކޮށްފައެވެ. އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ނިކުތް ގްރީން ސްޓްރީޓް ވަނީ މިދިޔަ އަހަރުގެ ޕްރިމިއަރ ލީގް ނިންމާލީ 5ވަނާގައި އޮވެގެންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗް އަލީ ސުޒޭން ގްރީންއާއި ގުޅިފައިވަނީ މިދިޔަ އަހަރެވެ. 2017ވަނަ އަހަރު ސުޒޭން މާލޭލީގުގައި އިރުޝާދުދިނީ ވިކްޓްރީއަށެވެ. އަދި ޕްރިމިއަރ ލީގުގައި އޭނާގެ އިރުޝާދުގެ ދަށުން ނިކުތް ތިނަދޫވަނީ ލީގްގެ 4ވަނަ ހޯދާފައެވެ. އަދި 2016ވަނަ އަހަރު ކޯޗް ސުޒޭންވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބްއާއިއެކު ޕްރިމިއަރ ލީގް ކާމިޔާބުކޮށްފައެވެ.

އަލީ ސުޒޭން ކޯޗިން ކެރިއަރު ފަށާފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބުން ކޯޗް މައުރޫފް އަހުމަދުގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައިއެވެ. އަލީ ސުޒޭން ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި އެކު ކުޅުންތެރިއެއްގެ ގޮތުގައިއާއި ކޯޗެއްގެ ގޮތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްގެ މަގާމްވެސް ކުރިން އަދާކުރި ސުޒޭންވަނީ 11 ތަށި އޭނާގެ ކެރިއަރުގައި ހޯދާފައެވެ.