ތަޢުލީމީ އައު މަންޙަޖުގެ ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއެކު ޕްރީ ސްކޫލް ތަޢުލީމަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލުތަކަށް މުދައްރިސުން ތަމްރީނުކުރުމަށް މިމަހުގެ 13 އިން 17 އަށް ކުރިއަށްގެންދިޔަ ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝާދު ވިދާޅުވީ، މާލޭގެ ސްކޫލްތަކަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީ ގުޅިގެން ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްގައި، މުދައްރިސުންނަށް ކިޔައިދޭ ބައިތަކުގެ ތެރޭގައި، ހަމައެކަނި މާއްދާތަކެއް ކިޔަވައިދިނުމުގެ ބަދަލުގައި، ދަރިވަރުން ދިރިއުޅުމުގެ އެކި ކަންކަމަށް ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކްލާސްރޫމްތަކުގައި ކުރިއަށްގެންދެވޭނެ އެކި ޙަރަކާތްތައްވެސް ހިމެނޭ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރީ ސްކޫލްގެ ފަންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލާއެކު، ޕްރީ ސްކޫލް ތަޢުލީމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރަށްވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
"ޕްރީ ސްކޫލަކީ ތުއްތުކުއްޖާގެ އެންމެ ފުރަތަމަ އެދުރުގެ ކަމުގައިވާއިރު، އެކުދިންނަށް އެންމެ އެކަށޭނަ ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުން ވަރަށް މުހިންމު. މި މަޤްޞަދަށްޓަކައި ގިނަ މަސައްކަތްތަކެއް އެޑިއުކޭޝަން މިނިސްޓްރީ ދަނީ ކުރަމުން. މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން މުދައްރިސުން މާއްދާތަކެއް ކިޔަވައިދިނުމަށްވުރެ ބޮޑަށް ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކްލާސްރޫމްތަކުގައި ކުރިއަށްގެންދެވޭ ހަރަކާތްތަށް ކިޔާދީފައިވާނެ." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝާދު ވިދާޅުވިއެވެ.
މި ޓްރެއިނިންގް ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން މިމަހުގެ 20 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލުތަކަށް އަހުލުވެރިކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަކަމަށެވެ.