ކުޅިވަރު

2018 ވަނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް - ހޭންޑްބޯލް މޯލްޑިވްސް


2018ވަނަ އަހަރަކީ ހޭންޑް ބޯޅައަށް ވަރަށް ކާމިޔާބު އަހަރެއްކަމަށް ހޭންޑް ބޯލް މޯލްޑިވްސްއިން ބުނެފިއެވެ.
ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ހޭންޑް ބޯލް މޯލްޑިވްސްގެ އެކްސްކޯ މެންބަރ މުއުމިނާ އާދަމް ބުނީ މިދިޔަ އަހަރު ހޭންޑް ބޯލް މޯލްޑިވްސްއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކުޅޭނެ އަމިއްލަ ބިމެއް ލިބުންކަމަށެވެ. އަދި ވަރަށް ގިނަ މަސައްކަތަށްފަހު ހޭންޑް ބޯލް ކުޅޭނެ ބިމެއް ލިބުމަކީ ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.
އަދި މީގެ އިތުރުން މާލޭގައި އެންމެ ސްކޫލެއް ފިޔަވާ އެހެން ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނާއި ގިނަ އޮފީސްތަކެއްގެ މުވައްޒަފުންވެސް ހޭންޑް ބޯލް ކުޅޭކަން މުއުމިނާވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރުގެ ހޭންޑް ބޯލް ކަލަންޑަރުގައި ހުރި މުބާރާތްތަކުގެ ތެރެއިން އަތޮޅު މުބާރާތް ނޫން އެހެން ހުރިހާ މުބާރާތެއް ކުރިއަށް ގެންދެވުނުކަމަށްވެސް މުއުމިނާ އާދަމް ފާހަގަކުރިއެވެ.
އަދި އަތޮޅު ތެރޭގައި މުބާރާތްތައް ބޭއްވުމަށް އަންނަ ރިކުއެސްޓްތަކުންވެސް މިހާރު ރާއްޖޭގައި ހޭންޑް ބޯލް ކުރިއަރާފައިވާ މިންވަރު އެނގޭކަމަށްވެސް މުއުމިނާ ވިދާޅުވިއެވެ.

"ހޭންޑް ބޯލް ކޯޓްއެކަންޏެއް ނޫން އަހަރުންމެންނަށް އައި ކުރިއެރުމަކީ. މިކުޅިވަރު ކުޅޭ ކުދިންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އިންޓަރ ސްކޫލް މުބާރާތްތަށް އަދި އޮފީސް މުބާރާތަކުގައި ބައިވެރިވާ އޮފީސްތަށްވެސް ދަނީ އިތުރުވަމުން. އެންމެ ފަހުގެ ގައުމީ މުބާރާތްވެސް ދިޔައީ ވަރަށް ފޯރިގަދަކޮށް. އެހެން އަހަރުތަކަށް ވުރެއް މިދިޔަ އަހަރު ބައިވެރިވި ޓީމްތަކުގެ އަދަދުވެސް އިތުރުވި. އަތޮޅު ތެރެއިންވެސް އަޅުގަނޑުމެންނަށް ވަރަށް ތަރުހީބް ލިބޭ" މުއުމިނާ ބުންޏެވެ.

ހޭންޑްބޯޅަ މޯލްޑިވްސްއިންވަނީ މިދިޔަ އަހަރު އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ކޯޗިން ކޯސްތަކާއި މުބާރާތްތައް ހިންގުމުގައި ވަރަށް ގިނަ ގޮތް ގޮތުން އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.