ޚަބަރު

ފޮރިންގ މިނިސްޓަރ ތިން ޤައުމަކަށް ފުރާވަޑައިގެންފި


ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ޔޫ.އޭ.އީ އާއި އެމެރިކާއާއި އިނގިރޭސިވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅާ ގުޅޭގޮތުން ދެއްވި މެސެޖެއްގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށްކަމަށާއި، މިއީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅާގުޅިގެން ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަން ތަންފީޒުކުރުމަށް ޔޫ.އޭ.އީގެ އެހީއާއި އެއްބާރުލުން ހޯއްދަވާނެކަމަށް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ފިނޭންސް މިނިސްޓަރާއި، ޕްލޭނިންމިނިސްޓަރާއި އިކޮނަމިކް މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވައެވެ. ޔޫ.އޭ.އީއަށް ވަޑައިގަންނަވަނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްސީލާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ޔޫ.އޭ.އީއަށްފަހު އެމެރިކާއަށް ވަޑައިގެން ރާއްޖެއާއި އެޤައުމުގެ ރަނގަޅުވަމުން އަންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެޤައުމުގެ އިސްފަރާތްތަކާ މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފޮރިންގ މިނިސްޓަރު މިފެށްޓެވި ދަތުރުފުޅުގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ބާއްވާ ތިމާވެއްޓާ ބެހޭ ބަހުސެއްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެއެވެ. އަދި އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެން ލަންޑަންގެ ފޮރިންގ އޮފީހުގައި ބާއްވާ ޑިމޮކްރަސީއާބެހޭ ބައްދަލުވުމެއްގައި ފޮރިންމިނިސްޓަރ ބައިވެރިވަވަޑައިގަންނަވާނެކަމަށާ، މީގެއިތުރުން ކޮމަންވެލްތްގެ ސެކްރަޓަރީ ޖެނަރަލާ ބައްދަލުކުރައްވައި ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް އަވަސްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.