ކުޅިވަރު

ސިޓީ މޮޅުވިއިރު، ގާޑިއޯލާ ހިތްހަމަނުޖެހިފައި


ތިނެއް ސުމަކުން ހަޑަރސްފިލްޑް ބަލިކުރިނަމަވެސް ސިޓީ ދެއްކި ކުޅުމާމެދު ކޯޗު ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ތިނެއް ސުމަކުން ހަޑާސްފީލްޑްގެ މައްޗަށް ކުރި ހޯދާ މެންޗެސްޓަރ ސިޓީ ވަނީ ޕްރިމިއަރ ލީގުގެ އެންމެ ކުރީގައި އޮތް ލިވަޕޫލް އާއި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް އަލުން ކުޑަކޮށްފައެވެ.

އެހެންނަމަވެސް މިމެޗުގައި ސިޓީގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންގޮސްފައިވަނީ އެންމެ އެދެވޭ ކުޅުން ނޫން ކަމަށް މެޗަށް ފަހު ގާޑިއޯލާ ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިއައްވަރުގެ ރަނގަޅު ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދާނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި މެންޗެސްޓަރ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިދިން ޖަރުމަންގެ ފޯވާޑް ލީރޯއީ ސާނޭ ބުނީ ގާޑިއޯލާ ހާފްޓައިމްގައި ކުޅުންތެރިން ހޭލައްވާލި ކަމަށާއި ވަރަށް ބޮޑަށް ފުރަތަމަ ހާފްގެ ކުޅުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރި ކަމަށެވެ.

ފުރަތަމަ ހާފް ނިމުނީ އެކެއް ސުމަކުން ސިޓީ ކުރީގައި އޮވެގެންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޑެނީލޯއެވެ. ގާޑިއޯލާގެ ވާހަކަތައްކަށްފަހު ދެވަނަ ހާފްގައި ސިޓީގެ ކުޅުން ވަނީ އިތުރަށް ރަނގަޅުކޮށްފައެވެ. އަދި ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ސީޓި ވަނީ ގާތްގާތުގައި ދެލަނޑު ޖަހާފައެވެ.

މިގޮތުން ތިން ވަނަ ލަނޑު ސާނޭ ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑަކީ ސާނޭ ނަގައިދިން ހުރަހަކުން ސްޓާލިންގ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިމެޗުގައި ސިޓީ ކާމިޔާބުކުރި ތިން ލަނޑާއެކު އެޓީމް ވަނީ މިސީޒަންގައި ސަތޭކަ ލަނޑު ހަމަކުރި ޔޫރަޕްގެ ފުރަތަމަ ކްލަބަށް ވެފައެވެ. މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއް އެއްކޮށްލައިގެން ސިޓީ ވަނީ ޖުމްލަ ސަތޭކަ ތިން ލަނޑު ޖަހާފައެވެ.