ކުޅިވަރު

އައި.ސީ.އެފުން ސަޢީދު ޢުމުރަށް ސަސްޕެންޑް ކޮށްފި


ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ކުރީގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ސައީދު ކެރަމްގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށްފިއެވެ.

ކެރަމް އެސޯސިއޭޝަންއިން ވަނީ ސައީދު ސަސްޕެންޑްކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. އަދި ސަޢީދު ސަސްޕެންޑްކުރުމުން ކެރަމް އެސޯސިއޭޝަނުން ޢަމަލުކުރަންވީ ގޮތާ ގުޅޭގޮތުން އެ އެސޯސިއޭޝަނުން ވަނީ ސްޕޯޓްސް ކޮމިޝަނަރ ގެ ލަފަޔަކަށް އެދިފައެވެ.

އައިސީއެފުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ޙަރަކާތްތަކުން ސަޢީދު ޢުމުރަށް ސަސްޕެންޑް ކުރީ، އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ސަޢީދުގެ އަމިއްލަ އެސޯސިއޭޝަނެއް އުފައްދައި އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ވެރިޔަކީ އޭނާ ކަމަށް ބުނެ ދުނިޔޭގެ ކެރަމް ކޮމިއުނިޓީއަށް އޮޅޭ ގޮތަށް މަސައްކަތް ކޮށްފައިވާތީކަމަށެވެ.

އަދި ސައުތު ކޮރެއާގައި 2018ވަނަ އަހަރު ބޭއްވި ކެރަމް ވަރލްޑްކަޕް ހުއްޓުވުމަށް ސަޢީދު މަސައްކަތް ކޮށްފަވާކަންވެސް އައިސީއެފުންވަނީ ފާހަގަކޮށްފައެވެ. އައިސީއެފްގެ ސިޓީގައިވާ ވާގޮތުން ސަޢީދަށް، ފެޑަރޭޝަންގެ ދަށުން އޮންނަ އެސޯސިއޭޝަންތަކާއި ކްލަބްތަކުން ބާއްވާ އެއްވެސް މުބާރާތެއް ނުވަތަ ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. މި ސިޓީގެ ކޮޕީއެއްވަނީ ޕީއެސްއެމް ސްޕޯޓްސް އަށް ލިބިފައެވެ.

މި ސިޓީއާއި ގުޅިގެން ޕީއެސްއެމް ސްޕޯޓްސްއިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މުޙައްމަދު ސައީދު ވިދާޅުވީ އައިސީއެފްއަކީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް އޮތް ފެޑެރޭޝަނެއް ނޫންކަމަށާއި އެފަރާތުން ފޮނުވާ އެއްވެސް ލިއުމެއްގައިވެސް ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ކެރަމް އެސޯސިއޭޝަންގެ އިންތިޚާބްގައި ވާދަކޮށްފާނެތީ ކޮށްގެން އުޅޭކަމެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަނުން، ކެރަމްގެ އެއްވެސް ހަރަކާތެއްގައި ސަޢީދަށް ބައިވެރި ނުވެވޭ ގޮތަށް ޢުމުރަށް އޭނާ ސަސްޕެންޑްކޮށްފައިވާއިރު ސައީދުވަނީ މީގެ ކުރިން ކެރަމް އެސޯސިއޭޝަނާއި ދެކޮޅަށް އަބުރުގެ ދައުވާވެސްކޮށްފައެވެ. ސްޕޯޓްސް ކޮމިޝަނަރ ޢަލީ ޢުމަރު ވިދާޅުވީ މިހަފްތާގައި އޮންނަ ސްޕޯޓްސް ކައުންސިލްގެ ބައްދަލުވުމުގައި އައިސީއެފްގެ ނިންމުން ކައުންސިލް މެމްބަރުންނާއި ޙިއްސާކުރައްވާނެކަމަށެވެ.

އައިސީއެފުން ސަސްޕެންޑްކުރި މުޙައްމަދު ސަޢީދަކީ 2014ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމައަށް އައިސީއެފްގެ ޖެނެރަލް ސެކެޓްރީގެ މަގާމް އަދާކުރައްވަމުންދިޔަ ބޭފުޅެކެވެ. އައިސީއެފަކީ ޤާނޫނީ ހައިސިއްޔަތެއް ނެތް ފެޑެރޭޝަނެއްކަމަށް އޭނާ ވިދާޅުވާއިރު އޭނާވަނީ އެ ފެޑެރޭޝަންގެ ޖެނެރަލް ސެކެޓްރީގެ ގޮތުގައި ހުންނަވައި އެތައް މުބާރާތެއް ކުރިއަށްގެންގޮސްފައެވެ.

ސައީދު ފާހަގަކުރައްވާ ގޮތުގައި 2018ގެ ވޯލްޑްކަޕަކީވެސް ޤަނޫނާ، ޤަވާއިދާ ޚިލާފަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެހެންނަމަވެސް 2014ގެ ވޯލްޑްކަޕާއި، 2015ގެ އައިސީއެފް ކަޕާއި 2016ގެ ވޯލްޑް ޗެމްޕިއަންޝިޕް ހިންގުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވީވެސް އޭނާއެވެ.