ޚަބަރު

އައިއެމްޑީސީ ހޮސްޕިޓަލުން ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފި


އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އައިއެމްޑީސީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުން ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސިމްޑީ ގްރޫޕްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ.މަރިޔަމް ޝަކީލާއާއި ނަވަލޯކާ ހޮސްޕިޓަލްގެ ހެޑް އޮފް ފައިނޭންސް އެންޑް ކޯޕަރޭޓް ޕްލޭނިންގް މެނޭޖަރ ނަލަކާ ނިރޮޝޯނާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަދައްކަވަމުން ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ.މަރިޔަމް ޝަކީލާ ވިދާޅުވީ، ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރު އައްޑޫ ސިޓީގައި ފަރުވާ ލިބެންނެތް އެކި ބަލިތަކަށާއި ދާއިރާތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީން ލިބޭނެ ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ސިއްޙީ ދާއިރާގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަމަށްވެސް ޑރ.ޝަކީލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ސިއްޙީ ދާއިރާގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ. އަދި މި ސަރަހައްދުގައި ސިއްޙީ ފަރުވާ ހޯދަން ކުރާ ޚަރަދު ކުޑަވެގެން ދާނެ. މިކަމުން އައްޑޫގައި ނުލިބޭ ގިނަ ޚިދުމަތްތަކެއްވެސް ލިބޭނެ." ޑަރ ޝަކީލާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހަމައެކަނި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް، އައިއެމްޑީސީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލެކެވެ. އައިއެމްޑީސީ ހޮސްޕިޓަލުގައި މިހާރުވެސް އާންމު ބަލިތަކުގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއްގެ އިތުރުން ދަތުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްވެސް ޚިދުމަތް ދެއެވެ. އަދި ތަފާތު ޓެސްތްތައް ހެދޭނެ އިންތިޒާމާއި އެޑްމިޓް ކޮށްގެން ފަރުވާދެވޭ ވޯޑަކާއި ޕްރައިވެޓް ކޮޓަރިތައްވެސް އެ ހޮސްޕިޓަލުގައި ހުރެއެވެ.