ކުޅިވަރު

ބައްސާމް ބޭރު ކުރުމަށް ކްލަބްތަކުން މަހުލޫފާއެކު


އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކުލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އާއްމުކޮށް މިނިސްޓަރުން އެސޯސިއޭޝަންތަކާމެދު މުއާމަލާތު ނުކުރާހާ ތަފާތު ރާގެއްގައި މަހްލޫފް ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ ކުލަބުތަކުން އެފަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަހްލޫފް މިފަދަ ގޮތަކަށް ވާހަކަ މިދެއްކީ އެފްއޭއެމްގެ ލީޑަރޝިޕަށް ބަދަލު ގެނައުމަށް އޭނާ އިސްވެ ހުންނަވައި މަސައްކަތް ތަކެއް ކުރަމުންދާ ވަގުތެއްގައެވެ. މި ގޮތުން މަހްލޫފް ވަނީ މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމަށް ވަރަށް ގިނަ ހަމަލާތައް ދެއްވާފައެވެ. މި ގޮތުން އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ޖާގަ ނުލިބުނު މައްސަލަ ބަލަން ނިންމައި ކޮމިޓީއެއް ނެގުމަށްފަހު ފަހުން ވަނީ އެކޮމިޓީން ބަލާނީ ސަރުކާރުން އެފްއޭއެމަށް ދޭ ފައިސާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ފަހަރެއްގެ މަތީން އޭއެފްސީގެ ރައީސްއާ ހަމައަށް ވެސް އެފްއޭއެމުގެ ޝަކުވާތައް އުފުލާފައެވެ.


މިކަމާ ގުޅިގެން އެފްއޭއެމުގެ ރައީސް ބައްސާމް ވެސް ވަނީ ފީފާ އަށް މަހްލޫފްގެ މައްސަލަ އުފުލައިފައެވެ. އަދި މިހާރު ދެ ފަރާތުން ކޯޅެމުންދަނީ ފާއިތުވެދިޔަ ދެ އަހަރު އެފްއޭއެމް ހިނގި ގޮތާމެދު އަރައިރުންވަމުންނެވެ. މަހްލޫފް ވިދާޅުވަނީ މިދިޔަ ދެ އަހަރު އެފްއޭއެމުގެ މަސައްކަތްތަކަށް ސިޔާސީ ކޮށްފައިވާ ކަމަށް. އަދި ތަން ހިންގާފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. މިހެންވެ ކުލަބުތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކުރަންޖެހޭ މަސައްކަތް ކަމަށެވެ.


މަހްލޫފް މިހެން ވިދާޅުވުމުގެ ކުރިން އެފްއޭއެމުން ވަނީ ސަރުކާރުން މިދިޔަ ދެ އަހަރު ދީފައިވާ ފައިސާ ކުންފުނިތައް މެދުވެރިކޮށް މި އަހަރު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ކަންކަން އޮޅޭގޮތަށް ޔޫތު މިނިސްޓްރީން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއްނޫން ކަމަށް ބުނެ ޓުވީޓްކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މި ޓުވީޓް ޑިލީޓްކޮށްފައެވެ.


މިނިސްޓާރ މަހުލޫފް ވިދާޅުވީ މިއީ އެއްވެސް ވަރަކަށް ޒާތީވެގެން ކުރާކަމެއް ނޫންކަމަށާއި ފާއިތުވެގެންދިޔަ އަހަރުތަކުގައި އެފްއޭއެމް ހިންގާފައިވާ ގޮތުން ފުޓްބޯޅައަށް ލިބިފައިވާ ނިކަމެތިކަމުގެ ސަބަބުން، އެކަން ސަލާމަތް ކުރުމަށް ކުރާކަމެއްކަމަށް. އަދި ސަރުކާރުން އެތަށް މިލިއަން ރުފިޔާއެއް ހަރަދު ކުރާއިރުވެސް ފުޓްބޯޅައަށް ގެއްލުންވާތަން ފެނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވި.

"ވަރަށް ބައިވަރު މައްސަލަ އެބަހުރި، މަސައްކަތް ކުރަންވެސް ދަތިވާހާލުގައި ކަންކަން އެބަހުރި. އޭއެފްސީގެ ރައީސް އާއި ފިފާގެ ރައީސްއާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު، މިކަންތަށްތަށް ހިގާ ގޮތްވަނީ ވަރަށް ރަގަނޅަށް އެގިގެން ގޮސްފަ. އެހިސާބުން މިއިގުނީ އެފްއޭއެމްގެ ކަންތަށްތަށް ހިގަނީ ވަރަށް ގޯސްކޮށްކަން. މިހާރު ކުލަބްތަކުން އަޅުގަނޑާއި އެބަވާހަކަދެކެވޭ، ކުލަބްތަށްވެސް ހުރީ ވަރައްބޯޑަށް ފިތިފަ. އަޅުގަނޑު ނުބުނަން ބައްސާމް އެލާރިގައި ޖެހުނީއެކޭ. ނަމަވެސް އުސޫލުން ބޭރުން އެފްއޭއެމްއިން އެބަހުރި ވަރަށް ގިނަ ކަންތަށްތަކެއް ކޮށްފަ. އުސޫލުން ބޭރުންކޮށްފައި ހުރިކަންތަށްތަކުގެ ވާހަކަދައް ފަށައިފިއްޔާ، ހުއްޓުމެއް ނެތް. އެކިއެކި ކުންފުނިތަކުން އަދި ކުލަބްތަކުންވެސް އެފްއޭއެމްއިން ދޭންޖެހޭ ފައިސާ ނުދީގެން އެބަ ޝަކުވާ ކުރޭ. 1 އަހަރު 2 އަހަރުވެފައި ހުރި ބިލްތަށް އެބަގެނޭ އަޅުގަނޑު އަތަށް. އެންމެ ފަހުން ރާއްޖެއައި ޝުމައިކަލް އާއި ސަލްގާޑޯ ބެހެއްޓި ރިސޯޓްތަކުގެ ބިލްތަށް ނުދައްކާގެންވެސް އެޝަކުވާ އެރިސޯޓްތަކުން އެބަކުރޭ. އަދި މިދިޔަ އަހަރުގެ 3ވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމްއަށް ދޭންބުނި 10،000ރުފިޔާ ނުދީގެންވެސް އެފަރާތުން އަޅުގަނޑާއި ބައްދަލުކުރި."

މިނިސްޓާރ މަހުލޫފް ވިދާޅުވީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ ފުޓްބޯޅަ މުޅި ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރުމަކީ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލީގް އާއި އެކި އެކި މުބާރާތްތަށް ބޭއްވުމަކީވެސް މިސަރުކާރުގެ ވަރަށް ބޮޑު އަމާޒްއެއްކަމަށް. ނަމަވެސް އެފަދަ މަސައްކަތެއް ކުރެވޭނީ އެފްއޭއެމްއިން އެއްބާރުލުން ދީގެންކަމަށް މިނިސްޓަރ ވިދާޅުވި. އެންމެ ފަހުން އަބޫދާބީގައިވެސް ދެތިން ބައްދަލުވުމެއް ބޭއްވުނުކަމަށާއި ބައްދަލުވުންތަކަށް ފަހު އެފްއޭއެމްގެ ފަރާތުން އެއްވެސް ޕޮޒިޓިވް ސައިންއެއްވެސް ލިބިފައިނުވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވި. އަދި ފިފާ އާއި އޭއެފްސީގެ ވޯޓްތަށް ވިއްކުމުގެ ސަބަބުން އެފަރާތުން ރާއްޖެ ތަރައްގީ ކޮށްގެން ވޯޓް ހޯދުމުގެ ވިސްނުން ނުގެންގުޅޭކަމަށް މަހުލޫފް ވިދާޅުވި.

"ކިހިނެއްތޯ އެފްއޭއެމްއަށް 3 މިލިއަން ރުފިޔާ ކުލަބްއަކަށް ދޭނީ، ކޮންތާކުން ތޯ ފައިސާ ނެރޭނީ. ބައިނަލަގްވާމީ ޖަމިއްޔާތަށް އޭއެއްސީ އާއި ފީފާގެ ކަންތަށްތަށް ހިގާ ގޮތް އަޅުގަނޑަށް މިހާރު ސާފްވެފަ ހުރީމަ އަޅުގަނޑު މިބުނަނީ އެފަރާތުން ރާއްޖެއަށް ވާ އެހީތެރިކަމަށް ބަލާފަ، އެފްއޭއެމްއިން ކުލަބްތަކަށް އެހާ ބޮޑު އަދަދުން ފައިސާއެއް ނުދެވޭނެ. އެއީ ވާނެކަމެއް ނޫން. މިދިޔަ އަހަރުގެ ޔޫތް މިނިސްޓްރީންގެ ބަޖެޓްއިން 13 ޕަސެޓް ހަމައެކަނި ފުޓްބޯޅައަށް ހަރަދުކޮށްފަ އެބަހުރި. އެހަރަދެއް ފީފާ އަދި އޭއެފްސީއަކުންވެސް ނުކުރާނެ. މިގޮތަށް އެފަރާތުންވެސް ކަންކަން ނުކުރަނީ އޮންނަ އުސޫލުން ބޭރުން ފިފާ އަދި އޭއެފްސީގެ އިންތިޙާބްތަކުގައިވެސް ކަންކަން ނުކުރާތީ. އެހެންވީމަ އެމީހުންގެ ޝަޢުގެއް ނުހުރޭ ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައިގެން ރާއްޖޭގެ ވޯޓް ހޯދުމަކަށް. އަޅުގަނޑު އެދެނީ ކުލަބްތަކަށް ދެންވެސް ރަގަނޅު ބަޔަކަށް އެފުރުސަތު ދޭން. ވޯޓް ނުވިއްކާ ބަޔަކަށް އެފުރުސަތު ދޭން. އަޅުގަނޑުމެން ރާއްޖެއިން އިންތިޙާބްތަކަށް ދާ މީހާވެގެން ނުވާނެ ވޯޓް ވިއްކާ މީހަކަށް. ދެން އެފްއޭއެމްއަށް އަންނަ މީހަކަށް އަޅުގަނޑު ވޯޓް ނުވިއްކުމަށް ވަރަށް ބޮޑަށް އެދޭނަން. "

ފުޓްބޯޅަ އެސޯސިއޭޝަން މިދިޔަ ދެ އަހަރު ހިނގި ގޮތާމެދު ކުލަބުތަކުން ވެސް ވަނީ ހިޔާލުތަފާތުވެފައެވެ.