މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިކްސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.އެކޮމިޝަނުން ނެރުނު ސަރކިއުލަރއެއްގައިވަނީ މިހާރު މާލޭގައި ހިންގަމުންދާ އެއްވުންތަކާ ގުޅޭގޮތުން ފޮނުވަމުންދާ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިކްސްއާ ޚިލާފު ކޮންޓެންޓް ހިމެނޭތީ އެކަން ބަލަމުން އަންނަކަމަށެވެ. އަދި މި އެއްވުންތަކާ ގުޅިގެން ގައުމުގެ އަމާންކަން ގެއްލި ހަމަނުޖެހުމަށް ހިތްވަރުލިބި ހަޤީގަތް އޮޅިގެންދާގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.މީގެ އިތުރުން މިފަދަ އެއްވުންތައް ކަވަރކުރުމަށް ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުންވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ މާއްދާތަކާއި އެއްގޮތަށް އަމަލުކުރުމަށް އެކޮމިޝަނުންވަނީ ގޮވާލާފައެވެ.