ތަޢުލީމީ ދާއިރާގެ އެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތަކުގައި ވަކި ކަމަކަށް ޚާއްސަ ކުރުމުގެ ބަދަލުގައި މަޝްވަރާކުރަންވާނީ މުޅި ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލު ގެންނާނެ ކަންކަމާ ގުޅޭގޮތުން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއާއި ޔުނިސެފާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "މަޝްވަރާ" ޕޮލިސީ ޑައިލޮގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރެވޭނީ ތަޢުލީމީ ދާއިރާއިން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި ޤައުމެއް ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނެ ބަޔަކީ އިންސާނީ ވަސީލަތްތައް ބިނާކުރާ ފަރާތްތައްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރު ހަރުފަތްތަކަށް ގެންދަންޖެހޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޕޮލިސީ ލެެވެލްގައި އެކަން ކުރުމަށް މުދައްރިސުންނާއި ޕްރިންސިޕަލުންނާއި ދަރިވަރުން އަދި ޕޮލިސީ ހަދާ ފަރާތްތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށެވެ. އަދި އެފަދަ ކޮންފަރެންސްތައް ވާންޖެހޭނީ، ވަކި ކަމަކަށް ޚާއްސަ ކުރުމުގެ ބަދަލުގައި މުޅި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޚިޔާލު ބަދަލުކުރެވޭ ކޮންފަރެންސްތަކަކަށް ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ސިޔާސަތަކީ ދާއިރާތަކުގެ މުވައްޒަފުންގެ އަޑުއެހުން. އެ ބޭފުޅުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން. އަދި ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން ބައިވެރިކުރުވުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، މުދައްރިސެއް ކަމަށް ފަޚުރުވެރިވާ ޒުވާނުންތަކެއް ބިނާކުރުމަށް ހުރިހާ މުދައްރިސުންނަށް ގޮވާލައްވާފައެވެ. މިއީ، ކާމިޔާބު ދަރިންތަކެއް ބިނާކުރުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މުދައްރިސުންނަށް ކުރާ ޤަދަރާއި އިޙްތިރާމު ހިފެހެއްޓުމުގެ މައްޗަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިއީ ހަމައެކަނި ސްކޫލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހާސިލުވާނީ މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުތަކުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގައި ކުރިއަށްދާ "މަޝްވަރާ" ޕޮލިސީ ޑައިލޮގުގައި ގިނަ އަދަދެއްގެ މުދައްރިސުންނާއި، އެ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި، ޕްރިންސިޕަލުންނާއި، ލެކްޗަރާއިންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ބައިވެރިވެއެވެ.