ޚަބަރު

ފިންލޭންޑް ސްކޫލަށާއި، ރިހެބިލިޓޭޝަން ސެންޓަރުތަކަށް ނާއިބުރައީސް ޒިޔާރާތްކުރައްވައިފި


މާލޭގައި ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާއި މާލެ އަދި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލްގައި ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަޑައިގަތުމުން އެ ސްކޫލް ހިންގާ އައިލެންޑަރސް އެޑިއުކޭޝަންގެ އިސްވެރިންނާއި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއިޖާ ވެލެނާއާ ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުވަނީ ފިންލެންޑް ސްކޫލް ހިންގަމުންދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ.
އެސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ނާއިބުރައީސް ވަނީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ، މިދާއިރާއިން 2019 ވަނަ އަހަރު ޙާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭ އައު މިންގަނޑާއެކު ދިވެހި ތަޢުލީމީ ހޭލުންތެރި ހަރުދަނާ ޖީލެއް ބިނާވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި އެމަކުފާނުވަނީ ރާއްޖެއަށް އަލަށް ތަޢާރަފްކުރި ފިންލެންޑް ސްކޫލްގެ ކިޔެވައިދިނުން ކުރިއަށްދާގޮތް ކްލާސް ރޫމްތަކަށް ވަޑައިގެން ބައްލަވާލައްވާފައެވެ. ނައިބު ރައީސްއާއިއެކު މިޒިޔާރަތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފިންލޭންޑް ސްކޫލަށް ކުރެއްވި ޒިޔާރަތަށްފަހު ނައިބުރައީސް ފައިސަލް ނަސީމްވަނީ މާލޭގައި ހުންނަ ނެޝަނަލް ޑްރަގް އޭޖެންސީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެގޮތުން އެ އޭޖެންސީގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އޭޖެންސީ ހިންގުމުގައި ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ނައިބު ރައީސްވަނީ އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގައި ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ އޭޖެންސީއިން ކުރާ މަސައްކަތަކީ ޤައުމުގެ އެންމެ ބޮޑު ރައޫސުލްމާލު ކަމުގައިވާ ޒުވާނުންގެ ކުރިމަގު ބިނާކުރުމުގައި މުހިންމު މަސައްކަތްތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މުވައްޒަފުން އިޚްލާސްތެރިކަމާއިއެކު މަސައްކަތްކޮށް އަމާން އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ނެޝަނަލް ޑްރަގް އޭޖެންސީގެ ލެބޯޓްރީއާއި، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެ އޭޖެންސީގެ ހާފްވޭ ހައުސްގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.