ޚަބަރު

ފުވައްމުލަކު ފުޓްބޯޅަ ޕްރްޖެކްޓްގެ ބައިވެރިންނާއެކު އެފްއޭމުން އެއްބަސްވުމުގައި ސޮއިކޮށްފި


ފުވައްމުލައް ސިޓީގައި ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމުން އަތޮޅުތަކުގައި ކުރިއަށްގެންދާ ފުޓްބޯޅަ ޕްރޮޖެކްޓްގެ ޑިވެލޮޕްމަންޓް އޮފިސަރ އަދި ކޯޗުންގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފީފާގެ ހިލޭ އެހީގެ ދަށުން އެކި އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމްތައް މިހާރުވަނީ ދެ އަތޮޅެއްގައި ފަށާފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ފުވައްމުލައް ސިޓީގެ ފަސް ކޯޗަކާއި ޑިވެލޮޕްމަންޓް އޮފިސަރާއެކު ތިންމަސް ދުވަހަށް އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ.

އެފްއޭއެމުން ބުނީ އެއްބަސްވުން ދާއިމީ ކުރާނީ ކުރިއަށް އޮތް ތިން މަހުގެ މަސައްކަތަށް ބެލުމަށްފަހުކަމަށެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެފްއޭމްގެ ފަރާތުން ބައިވެރިވީ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި ހެޑް އޮފް ގްރާސްރޫޓް، އަހުމަދު ޝަރީފެވެ.

އެފްއޭމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލް ޣަނީ ބުނީ ފުވައްމުލަކުގައި ގާއިމުކުރާ ޑިވެލޮޕްމަންޓް އޮފީސް މެދުވެރިކޮށް ގްރާސްރޫޓުން ފެށިގެން އިންޓަރ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް ކުރިއަށް ގެންދާނީ ސީޓީ ކައުންސިލާއި ގުޅިގެން ކަމަށާއި މި ޕްރްޖެކްޓް ތެރެއިން ހާސިލުކުރަން ބޭނުންވާ އަނެއްކަމަކީ ފުވައްމުލައް ސިޓީގައި އަންހެން ފުޓްބޯޅަ ތަރައްގީކުރުން ކަމަށެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފީފާއިން މި ޕްރްޖެކްޓްގެ ކަންތައް ކުރިއަށްދާގޮތް މޮނިޓާކުރާނެއެވެ.