ރަށްރަށަށް ކާޑުގެ ބާވަތްތައް ވިއްކުމަށް ހުޅުވާލާފައިވާ ފުރުސަތަށް ގިނަ ބައެއްގެ ތަރުޙިބު ލިބުމާއެކު ކޮންމެ ރަށަކަށް މަދުވެގެން 2 އޭޖެންޓުން ހަމަޖައްސާނޭކަމަށް އެސްޓީއޯއިން ބުނެފިއެވެ.
މާލެއެކޭ އެއް އަގެއްގައި ރަށްރަށުގައި ކާޑު ވިއްކުމަށް އެސްޓީއޯއިން މަސައްކަތް ފަށާފައިވާއިރު ރަށްރަށަށް ކާޑު ފޯރުކޮށްދިނުމަށްޓަކައި މިމަހުގެ 11 ވަނަ ދުވަހު އެކުންފުނިން ވަނީ އޭޖެންޓުން ހޯދުމަށް އިއުލާންކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ޖެނަރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ، އޭޖެންޓުން ހޯދުމަށް ހުޅުވާފައިވާ ފުރުސަތަށް ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް މަދުވެގެން 2 އޭޖެންޓުން ކަނޑައަޅާނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމްޒީ ވިދާޅުވީ، ކޮންމެ ރަށަކަށް މަދުވެގެން 2 އޭޖެންޓުން ކަނޑައެޅުމަކީ މުހިއްމުކަމެއްކަމަށާއި މީގެ ސަބަބުން ކާޑުގެ ބާވަތްތައް ހުސްނުވެ ލިބުމަށް މަގުފަހިވެގެންދާނޭކަމަށެވެ.
މާލެއެކޭ އެއް އަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް އަންނަ އޭޕްރީލް މަހުން ފެށިގެން ލިބެން ހުންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިކަމަށްޓަކައި އޭޖެންޓުން ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ފަށާފައިވާއިރު މިކަމަށްޓަކައި ބޮޑެތި ޚަރަދުދާނެކަމަށް ބުނެ ގިނަ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި ޗީފް ފައިނޭންސް އޮފިސަރު މުހައްމަދު މާހިދު ވިދާޅުވީ، ސަރުކާރުން މިކަމަށް ކުރާ ޚަރަދު އެއްވެސް ގޮތަކަށް އިތުރުވެގެން ނުދާނެކަމަށެވެ. މިކަންކުރާނީ އެސްޓީއޯގެ މަސައްކަތްތަކުން ބާކީވާ ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއެކޭ އެއް އަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އޭޖެންޓުންނަށް ވުމުގެ ފުރުސަތު މިމަހުގެ 21 އާއި ހަމައަށް ހުޅުވާލާފައިވާއިރު އަންނަ އޭޕްރީލް މަހުގެ ފަހުން މާލޭގައި ކާޑު ވިއްކާ އަގަށް ރަށްތަކުގައި ކަޑު ވިއްކާނެކަމަށް އެސްޓީއޯއިން ބުނެއެވެ.