ޚަބަރު

ގައުމީ ޓީމްތަކަށް ބޭނުންވާ ކުޅުންތެރިން ނުއުފެއްދޭނަމަ ޔޫތް ޓީމްތަކުގެ ބޭނުމެއް ނެތް - އީގަލްސް


ގައުމީ ޓީމްތަކަށް ބޭނުންވާ ކުޅުންތެރިން ކުލަބުތަކަށް ނުއުފެއްދޭނަމަ ކުލަބްތަކުގެ ޔޫތް ޓީމްގެ ބޭނުމެއް ނެތްކަމަށް ކުލަބް އީގަލްސްގެ ޔޫތް ޓީމްގެ ކޯޗް އިބްރާހީމް ސައީދު ބުނެފިއެވެ.

ދަ ގްރާންޑޭ ބަލިކޮށް ޔޫތް ޗެންޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދި މެޗަށްފަހު އީގަލްސްގެ ޔޫތް ޓީމްގެ ކޯޗް އިބްރާހީމް ސައީދު ބުނީ ޔޫތް ޗެންޕިއަންޝިޕްގެ ބޭނުމަކީ ގައުމީ ސީނިއާރ އަދި އެކި އުމުރުފުރާގެ ގައުމީ ޓީމްތަކަށް ކުޅުންތެރިން ހޯދައިދިނުންކަމަށެވެ. އަދި އަބަދުވެސް ކުލަބް އީގަލްސްއަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ޓީމެއްކަމަށާއި ފަހުގެ ތާރީހުގައި އެންމެ ގިނަ ޒުވާން ކުޅުންތެރިން އުފައްދާފައިވަނީވެސް އީގަލްސްއިންކަން އެނާ ބުންޏެވެ.

އިބްރާހީމް ސައީދު ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިމުބާރާތުގައި އީގަލްސްގެ ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުންކަމަށެވެ. އޭނާ ބުނީ އުއްމީދަކީ ކުލަބް އީގަލްސްގެ ގިނަ ކުޅުންތެރިން ސީނިއާރ ޓީމް އަދި ޖޫނިއަރ ގައުމީ ޓީމްގައި ހިމެނުންކަމަށެވެ. ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިމުމާއެކު މިމަސައްކަތް ނިމުނީ ނޫންކަމަށާއި ގައުމީ ޓީމަށް ކުޅުންތެރިން ފޯރުކޮށްދިނުމަކީ ޔޫތް ކޯޗުންގެ އެންމެ މުހިންމު އެއް މަސްޢޫލިއްޔަތުކަމަށްވެސް އެނާ ބުންޏެވެ.
"އަޅުގަނޑުވެސް ކާމިޔާބު ބޭނުން، ކާކުތޯ ކާމިޔާބު ބޭނުން ނުވާނީ. ނަމަވެސް ކޮބާތޯ ކާމިޔާބުގެ ބޭނުމަކީ ކޮބާ މީގެއިން ކުއްޖަކު ދުރު މުސްތަގްބަލްގައި ބޭނުން ނުކުރެވޭނަމަ. މީގެއިން ކުއްޖަކު ގައުމީ ޓީމްއަށް ނޭރޭނަމަ. އަޅުގަނޑާއި އީގަލްސްގެ ކޯޗްކަން ހަވާލްކޮށްފައިވެސް ބުނި، ބޭނުމަކީ ސީނިއަރ އަދި ޖޫނިއަރ ޓީމްތަކަށް ކުދިން ތައްޔާރު ކުރުންކަމަށް. ގައުމީ ޓީމްއަށް އަރާ ފެންވަރުގެ ކުޅުންތެރިން އުފެއްދުން އަސްލުގައި މިމުބާރާތުގެ ބޭނުމަކީ." ކުލަބް އީގަލްސްގެ ޔޫތް ޓީމްގެ ކޯޗް އިބްރާހީމް ސައީދު ބުންޏެވެ.