ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދާ ޗެމްޕިއަންކަން ހޯދޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ޒުވާން ޓީމުގެ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު ބުނެފިއެވެ.
ފައިނަލް މެޗުގެ ކުރިން ކުރިޔަށްގެންދިޔަ އެންމެ ފަހު ފަރިތަކުރުންތަކަށް ފަހު އަހުސަން ބުނީ، ފައިނަލް މެޗާއި ކުރިމަތިލާއިރު ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ނަމަވެސް ފުރަތަމަ އެގާރައިގައި ކުޅޭ މުހިއްމު ޑިފެންޑަރަކަށް ފައިނަލްގައި ނުކުޅެވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ޓީމު ގޯހެއް ނޫން ދެން. އެކަމަކު ދެންމެ ޕްރެކްޓިސް އަށް އައިރު ފުލްޓީމު ކުޅުންތެރިއެއް އަނިިޔާވި ހަބަރު ލިބުނީ. ދެން އަނެއްކާވެސް އުނދަގޫވީމި ކުޑަކޮށް. ދެން ކުޅޭނީ މޮޅުވާ. ފުޓްބޯޅަ އަކީ ހަމަހަމަ އެއްޗެއް ދަނޑައަރާއިރު. މޮޅަށް ކުޅޭބަޔަކު މޮޅުވާނީ" ޓީސީގެ އެސިސްޓަންޓް ކޯޗު އަހުސަން ބުންޏެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ކްލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު ބުނީ، ގާތްގަތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނުނަމަވެސް، ފައިނަލް މެޗާއި ކުރިމަތިލާއިރު ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް ކުޅެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިފަހަރު އީގަލްސްގެ ސްކޮޑް ނެގީ ވަކިކުޅުންތެރިއަކަށް ނުބާލާކަމަށްވެސް ސައީދު ބުންޏެވެ.
"ވަރަށް ބޮޑަށް ހިތްހަމަޖެހޭ އަސްލު އަޅުގަނޑުމެން ފުރަތަމަ މުބާރާތައް ތައްޔާރުވިއިރު، މިހާލަތަށް ޓީމު ގޮސްދާނެކަން އިނގިގެން ޙާއްސަކޮށް މިހާ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހޭނެކަން ތައްޔާރުވެގެން ނުކުތީ. ދެން ފައިނަލް މެޗަކާއި ކުރިމަތި ލާއިރު ހުރިހާ ކުޅުންތެރިން ބޭނުން ކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު ބުންޏެވެ.
މީގެކުރިން 2016 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައިވެސް މި ދެޓީމު ވަނީ ބައްދަލުކޮށްފައެވެ. އެފަހަރު 5-3 އިން ޓީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލަށް ކްލަބް އީގަލްސް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަދި ސެމީ ފައިނަލުގައި ދަ ގްރާންޑޭ ތިން ލަނޑު އެއް ލަނޑުން ބަލިކުރުމަށްފަހުއެވެ.
ޓީސީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ އަދި ސެމީގައި އެންމެފަހުގެ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސް ދެ ލަނޑު އެއް ލަނޑުން ބަލިކުރުމަށްފަހުއެވެ.