ޚަބަރު

އެސްއޯއެފުން ފައިސާ ޖަމާކުރި، މޭޖަރ ނަވީނަށް ފިޔަވަޅު އަޅާނަން - ޗީފް އޮފް ޑިފެންސް


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެމްޑީއެފް މޭޖަރ ނަވީން ޒުބައިރަށް ފައިސާ ޖަމާކޮށްފައިވާ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ވިދާޅުވީ މޭޖަރ ނަވީން މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި މޭޖަރ ނަވީން ހުންނެވުމުގެ ސަބަބުން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވީ މޭޖަރ ނަވީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާކަން އެނގިގެން ދިޔައީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ރިޕޯޓު ނެރުނު ފަހުން ކަމަށެވެ.

"މޭޖާ ނަވީން ޒުވައިބު މި ވަގުތު ހުންނެވީ ވޯކްޝޮޕެއްގައި ރާއްޖޭން ބޭރުގައި. ދެތިން ހަފުތާއެއްގެ ވޯކްޝޮޕެއްގައި ހުންނެވީ. ރިޕޯޓް ނިކުތުމާ އެކީގައި އަޅުގަނޑުމެންނަށް ވެސް އެ ނަން ފެނުނީ. ދެން ނަވީންއާ ދޭތެރޭގައި މިހާރުން މިހާރަށް ރާއްޖޭން ބޭރުގައި ހުންނެވީމާ ސުވާލުކޮށް ކަންތައް ކުރަން އެބަހުރި ބައެއް ލިމިޓޭޝަންސް. އެހެން ނަމަވެސް ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވަން،" ޝަމާލް ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މޭޖަރ ނަވީންގެ އެކައުންޓަށް އެސްއޯއެފްއިން އެއްލައްކަ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އޭސީސީގެ ރިޕޯޓުގައި އެސްއޯއެފުން 155 މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ބޯޑު މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުން ވަނީ އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ ސަރުކާރުގެ އިސް ފަރާތްތަކަށް ފިޔަވަޅުވެސް އަޅާފައެވެ.