ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި ޢުމުރުން 19އަހަރުގެ ޒުވާން އަންހެނަކު ގެއްލުނު ޙަބަރު ވެގެންދިޔައީ މުޅި ޤައުމު ސިއްސުވާލި ޙަބަރަކަށެވެ. ހުކުރު ދުވަހުގެރޭ ހިނގި މިޙާދިސާ މީޑިއާތަކަށް ތިލަވެގެންދިޔައީ އެރޭ 10 ޖަހާ އެހައިކަންހާއިރު ކަމާބެހޭ ފަރާތްތަކަށް މިމައްސަލަ ރިޕޯޓްކުރި ހިސާބުންނެވެ.
ގދ. ފިޔޯރީ، ޢުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާއާއި އިތުރު މީހަކު ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީ ލ.ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލުމާ ގުޅިގެންނެވެ. ޑިންގީ ބަންޑުން ޖަހާލުމުން އޭގައިހުރި ފިރިހެން މީހާ ފަތާފައިގޮސް "ސިކްސް ސެންސަސް" ރިސޯޓަށް އަރައި އެހީތެރިކަމަށް އެދިފައިވާކަމަށް ފުލުހުން ބުނެއެވެ.
ޑިންގީ ބަނޑުން ޖަހާލާފައިވަނީ ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަމުންދަނިކޮށް ޖެހި ރާޅަކާއެކުކަމަށްވެސް ފުލުހުން ބުނެއެވެ. ޝިމާއަށް ފަތަން ނޭގޭކަމަށާއި، ފަތާފައި އައި ފިރިހެން މީހާ ގޮސް ރިސޯޓަށް އެރީ އޭނާ އާއެކު ދަތުރުކުރި ޒުވާނާއަށް ކަނޑުމަތީގައި އޮވެވޭނެހެން ރީނދޫ ހަމަކާއި (ޕެޓްރޯލް ޕަމްޕުގެ ހަން) ފޯނެއް ދީފައި ކަމަށްވެސް އެމީހާއާއި ހަވާލާދީ ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.
ޑިންގީއެއް ބަންޑުން ޖަހާލުމަކީ މަދުން ނަމަވެސް ރާއްޖޭގައި ހިނގަމުންދާ ޙާދިސާތަކެކެވެ. ރާއްޖެ ކަހަލަ ކަނޑުދަތުރު ފަތުރަށް ބަރޯސާވާންޖެހިފައިވާ ޤައުމެއްގައި ކަނޑުމަތީގެ މިފަދަ ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޝިމާ ގެއްލުނު ޙާދިސާ ނޫސްތަކާއި، މީޑިއާތަކުގެ ފަލަ ސުރުޚީއަށް އެރުމާއެކު އެންމެ ގިނަބަޔަކު ސުވާލު އުފެއްދީ އޭނާއާއެކު އެވަގުތު ދަތުރުކުރަމުންދިޔަ ފިރިހެން މީހާގެ ޢަމަލުތައް ހުރިގޮތާމެދުއެވެ.
މި ޙާދިސާގައި މީޑިއާތަކަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކަށް ބަލާނަމަ، ޝިމާއަށް ފަތަން ނޭންގޭކަން އޭނާއަށް އެނގެއެވެ. އެހީ ހޯދުމަށްކަމަށްބުނެ އެންމެ ކައިރީ އޮތް ރިސޯޓަށް ފަތާފައި ދިއުމުގެ ކުރިން، ޝިމާ ގެނބުނަ ނުދީ ކަނޑުމަތީގައި އޮތުމަށް ހަމެއް އޭނާ ޝިމާއަށް ދީފައިވެއެވެ. އަދި ފޯނެއްވެސް ޝިމާއަށް ދިންކަމަށްވެއެވެ. ނަމަވެސް މިއީ ހަމަ ހަޤީޤަތުގައިވެސް މިކަން ހިނގާދިޔަ ގޮތްކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރަން އަދިވެސް ދަށްޗެވެ. ފަހަރުގައި ޝިމާއަތަށް ފޯނެއް ދިނުމުގެ ބޭނުމަކީ އޭނާއަށް ގުޅުމަށް ނުވަތަ އޭނާގެ ލޮކޭޝަން ޓްރޭސް ކުރުމަށް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް މިފަދަ ހާލަތެއްގައި ފަތަން ނޭނގޭ މީހަކު އެކަނި މާސިންގާ ކަނޑުމައްޗަށް ދޫކޮށްލުމަށްފަހު ދިއުމަކީ ކުރަން ހެޔޮ ވަރުގެ ކަމެއްވެސް ނޫނެވެ. ޝިމާއަށް ފަތަން ނޭނގޭ ހާލު އޭނާ ކަނޑުމައްޗަށް އެކަނިދޫކޮށްލީ ކީއްވެހެއްޔެވެ؟ ކަނޑުމައްޗަށް ޝިމާ އަމިއްލަ ހާލައިގެން ދޫކޮށްލުމުގެ ބަދަލުގައި، އޭނާ ސަލާމަތްކުރުމަށް އެއަށްވުރެ ޒިންމާދާރުކަން ބޮޑުގޮތެއްގައި މަސައްކަތް ނުކުރީ ކީއްވެހެއްޔެވެ؟
ފޯނެއް އޮތްކަން އެނގިހުރެ ފަތާފައި ރިސޯޓަށް އެރުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް ކަމާބެހޭ ފަރާތްތަކަށް ނުގުޅުނީ ކީއްވެހެއްޔެވެ؟ ޑިންގީ ބަންޑުން ޖަހާލިކަމަށް ބުނާ ގާދޫ ކަނޑުއޮޅިން މީހަކަށް ފަތާފައިގޮސް ރިސޯޓަށް އެރިދާނެހެއްޔެވެ؟ ފްލޯޓްކުރުމަށް ޝިމާއަތަށް ހަމެއްދޭނެހާ ވަގުތު އޭނާއަށް ލިބުނުއިރު، އެނާއާއެކު ޝިމާ ރިސޯޓަށް ގެންދަން މަސައްކަތް ނުކުރީ ކީއްވެހެއްޔެވެ؟
ބުނެވޭގޮތުގައި ޝިމާ ދަތުރުކުރަމުންދިޔަ ޑިންގީއަކީ ގާތްގަނޑަކަށް 12 ފޫޓުގެ ދިގު ފައިބަރު އިންޖީނުލީ ޑިންގީއެކެވެ. އަދި އެޑިންގީ ބޭނުންކުރަމުންދިޔައީ ފަޅުތެރެއަށް މަސް ބާނަން ދިއުންކަމަށްވެއެވެ. ވީއިރު މިވަރުގެ އުޅަނދެއްގައި، އަމުދުން އިރުއޮއްސުމުން މާކަނޑެއް ހުރަސްކޮށް ދަތުރުކުރަންވީ ކީއްވެހެއްޔެވެ؟ ޙާދިސާ ހިނގި ވަގުތު މޫސުންވެސް ޢާއްމުގޮތެއްގައި ރީއްޗެވެ.
މެޓް އޮފީހުން ނެރޭ މޫސުމާބެހޭ އެލަރޓްތަކަށް ބަލާއިރުވެސް، ހުކުރު ދުވަހު ނެރެފައިވަނީ އެންމެ ވައިޓް އެލަރޓެކެވެ. އެއީވެސް އެދުވަހުގެ ހެނދުނު 10 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އެލަރޓް ނެރެފައިވަނީ ފުވަމުލައް ސިޓީއާއި އައްޑޫ ސިޓީއަށެވެ. އެހެންކަމުން ނެގި ރާޅަކާއެކު ޑިންގީ ބަންޑުން ޖަހާލައި ޝިމާ ކަނޑަށް ގެއްލުން މިއީ ހަމަ ހަޤީޤަތުގައިވެސް މިކަން ވީގޮތްކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެއްވެސް ހާލެއްގައި މި ޙާދިސާގައި ޝިމާއާއެކު ދަތުރުކުރި ފިރިހެން މީހާގެ އިޙުމާލެއްވާކަމަށް އަޅުގަނޑު ތުޙުމަތެއް ނުކުރަމެވެ. ނަމަވެސް މިދެންނެވި ސުވާލުތަކަކީ ޢާއްމުންގެ އިތުރުން، މީޑިއާގައިވެސް މިހާރު ގަދައަޑުން ބަހުސް ކުރެވެމުންދާ ކަންކަމެވެ. ޖަވާބު ބޭނުންވާ ކަންކަމެވެ.
ޝިމާ ކަނޑުމައްޗަށް ގެއްލުނު ޙާދިސާ ފުލުހުން މިހާރު އަންނަނީ ތަޙުޤީގުވެސް ކުރަމުންނެވެ. ފުލުހުންގެ ތަޙްޤީގުން މި ޙާދިސާއާއި ގުޅޭ އިތުރު ހެއްކާއި ހަޤީގަތް ހާމަވެގެންދާނެކަމަށް ޚުދު އަޅުގަނޑުވެސް އުއްމީދުކުރަމެވެ.
ޝިމާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ފުލުހުންނާއި ސިފައިން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދި މިމަސައްކަތުގައި ރާއްޖޭގައި މިވަގުތު ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގައި އެމް.އެންޑީ.އެފްގެ ޑައިވަރުންނާއި، ސްނޯކްލިންގ ޓީމުތަކާއި އެފް.އައި.ސީއާއި، ހާބަރ ކްރާފްޓާއި، ގަލްފް ކްރާފްޓާއި، ސިކްސް ސެންސަސް ރިސޯޓާއި، ލ.ގަމު ރައިވެރީސް ގެސްޓް ހައުސްގެ ފަރާތުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެންނާއި އެމް.އެން.ޑީ.އެފްގެ ފާސްޓަރ އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗުގެ ނައިޓް ވިޝަން ކެމެރާގެ އެހީގައި ކަނޑުގެ ސަރަޙައްދު ބަލާފައިވާކަމަށްވެސް ސިފައިން ބުނެއެވެ. މީގެ އިތުރުން ޝިމާ ގެއްލުނު ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓް ގާޑު ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމަށާއި، މި މަސައްކަތުގައި ޑައިވިންގ ރޮބޯޓް ބޭނުންކުރަމުންދާކަމަށްވެސް ސިފައިން ބުނެއެވެ.
ނަމަވެސް މިހާތަނަށް އައިއިރުވެސް ޝިމާއާއި ބަންޑުން ޖަހާލި ޑިންގީ ހޯދުމުގެ މަސައްކަތުގައި އެއްވެސް ކަހަލަ ކުރިއެރުމެއް އަދި ލިބިފައެއްނުވެއެވެ.
ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ޝިމާ، މާމެންދޫއަށް ދިޔައީ އޭނާގެ ތުއްތު ދަރިފުޅު ދެކެލުމަށެވެ. ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކައްދޫ އެއަރޕޯޓަށް ދިއުމަށްފަހު ރަށަށް ދާންއޮތް ފެރީ "މިސްވުމުން" ޖެހިގެންއައި ހުކުރު ދުވަހު މާމެންދޫއަށް ދިއުމަށް ދަތުރު ފެށިއެވެ. ދަމުން ޝިމާގެ މަންމައަށް އެރަށަށް ދިއުމަށް ނައްޓާލީކަމަށްބުނެ މެސެޖެއްވެސް ކޮށްފައިވެއެވެ. ނަމަވެސް ތުއްތު ދަރިފުޅު ދެކިލުމުގެ ފޮނި އުއްމީދުގައި ކުރަމުންދިޔަ ދަތުރު ކަނޑުމެދަށް ހުއްޓުނީއެވެ. ވީނުވީއެއް ނޭންގި ޝިމާ ކަނޑުގެ ތެރެއަށް ގެއްލުނީއެވެ.
މި ޙާދިސާއާއެކު ޝިމާގެ ޢާއިލާއާއި ގާތްއެކުވެރިން ވަނީ ބުނެދޭން ނޭންގޭފަދަ ފުން ހިތާމައިގެ ވަޅުގަނޑަކަށް ވެއްޓިފައެވެ. ޝިމާ ފެންނާނެކަމާމެދު އޭނާގެ ޢާއިލާއިން ކުޑަކޮށްވެސް އުއްމީދު ކަނޑައެއްނުލައެވެ. ޝިމާއާއެކު ދަތުރުކުރި ފިރިހެންމީހާގެ ވާހަކަތަކަށް މާބޮޑު އިތުބާރެއް ނެތުމުން، އާއިލާގެ އެދުމުގެމަތިން ޑިންގީ ބަންޑުން ޖަހާލި ސަރަޙައްދާ ކައިރި ފަޅުރަށްރަށްވެސް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކަނޑުމަތީގައި ހިނގާ ހުރިހައި ޙާދިސާތަކަކީވެސް ގުދުރަތީ ޙާދިސާތަކެއްކަމަށް ބުނެ ދޫކޮށްލެވޭކަށް ނެތެވެ. ވާންހުރި ކަމެއް ވާނެއޭ ބުނެ އަޅާނުލައި ތިބެވޭކަށްވެސް ނެތެވެ. ކަނޑުމަތީގެ މިފަދަ ޙާދިސާތަކުގައި މަދުން ނަމަވެސް އިޙުމާލުގެ ކަންކަން ފާހަގަކުރެއެވެ. ކިތަންމެ ކައިރީގައި އޮތް ރަށަކަށް ކިތަންމެ އަވަހަށް ދާން ބޭނުންވި ނަމަވެސް ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިޙުމާލުވުމަކީ ކުރަން ހެޔޮވާރުގެ ކަމެއްނޫނެވެ.